އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި، އެ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެންބޮޑުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓު އޮފީހުން ވަނީ އެ ސިޓީއަށް ޔެލޯ އެލާޓްވެސް ނެރެފައެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހަވީރު ހަތަރަކުން ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފެންހިންދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ހިތަދޫގެ ބައެއް ގޭގެއަށާއި މިސްކިތަށް ފެންވަދެފައިވާ ކަމަށާއި ޕަންޕު ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް ހިތަދޫ ފަޔާ އެންޑް ރެސްކިއުއިން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ އިތުރުން ގޭގެއަށް ފެން ވަނުން ހުއްޓުވުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.