އެންޓި ޑިފެކްޝަން ބިލު ނުވަތަ ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ތާއީދުކުރައްވައިފިއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެއް ޕާޓީއަކުން ހޮވުނު މެންބަރަކު އަނެއް ޕާޓީއަކަށް ދާންވާނީ ގޮނޑި ދޫކޮށްފައި. އަލުން ގޮނޑި ބޭނުމިއްޔާ ޖެހޭނީ އަލުން ކުރިމަތިލާން،" ޝަރީފްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

ނިހާން މިރޭ ސަން އަށް ވިދާޅުވީ، ރައްޔިތުންގެ އިތުބާރު މަޖިލީހަށް ހޯދުމަށް އެފަދަ ގާނޫނެއް އޮތުން މުހިއްމު ކަމަށެވެ.

ޕީޕީއެމް އެމްޑީއޭ ޕާލިމެންޓްރީ ގްރޫޕުގެ 99 ޕަސެންޓު މެންބަރުންގެ ތާއީދާއެކު އެ ބިލު ފާސްކުރައްވާނެ ކަމަށް ނިހާނު ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ބިލުގައި ބުނާގޮތުން އިންތިހާބުވި ޕާޓީން މެންބަރު ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގަތްނަމަވެސް ގޮނޑިއެއް ނުގެއްލޭނެއެވެ. ނަމަވެސް ޕާޓީ އަކާ ގުޅުމަށްފަހު، މިއިން ކަމެއް ހިނގައިފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ވެއެވެ.