ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ ބިލު ފާސްކުރާނީ 99 ޕަސެންޓު މެންބަރުންގެ ތާއީދާއެކު ކަމަށް މަޖިލީހަސް އެ ބިލު ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

އެންޓި ޑިފެކްޝަން ބިލާމެދު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އެބަހުރިކަމަށް ބުނެ ދެކެވޭ ވާހަކައާއި ގުޅިގެން ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީޖީ ލީޑަރު ނިހާން ވިދާޅުވީ ކޮންމެ ބިލެއް ހުށަހަޅާއިރުވެސް އެ ބިލަކާމެދު މެންބަރުން ދެކިލައްވާ ގޮތް ހާމަކުރައްވާނެ ކަމަށެވެ.

މެންބަރުންގެ ހިޔާލުތަފާތުވުންތަކަށް ފަރުވާއެއް ހޯދުމަށްފަހު ބިލު ފާސްކުރާނެ ކަމަށް ނިހާނު ވިދާޅުވިއެވެ. ބިލުގެ މަފްހޫމް މެންބަރުންނަށް ސާފުވުމުން މެންބަރުންގެ އާނބަސް ލިބޭނެކަމަށް ވެސް ނިހާނު ވިދާޅުވިއެވެ.

މި ބިލު ހުށަހެޅުއްވި އެންމެ ބޮޑު އެއް މަގުސަދެއްގެ ގޮތުގައި ނިހާނު ވިދާޅުވީ މިއީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން 2017 ވަނަ އަހަރުގެ އޮގަސްޓުމަހު ސުޕްރީމުކޯޓުން ނެރުނު އަމުރުގައިވެސް މިފަދަ ގާނޫނެއް ފާސްކުރަން މަޖިލީހަށް ލާޒިމުކޮށްފައިވާ ކަމަށް ނިހާނު ވިދާޅުވިއެވެ.

"އެންޓިި ޑިފެކްޝަން ގާނޫނު އެކުލަވާލުމަކީ ޕިޕީއެމްގެ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރެއިން ރައްޔިތުންނަށް ވެފައިވާ ވައުދެއް،" އޭނާ ވިދާޅުވިއެވެ.

ނިހާނު ވިދާޅުވީ މަޖިލީހުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލެންފެށީ 2009 ވަނަ އަހަރުގެ މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުން ޕާޓީ ބަދަލުކުރައްވަން ފެށުމުން ކަމަށާއި އެކަމާމެދު ރައްޔިތުން ވަރަށް ހިތްހަމަ ނުޖެހުނު ކަމަށެވެ.

މީގެ އިތުރުން ނިހާނު ވިދާޅުވީ އެންޓި ޑިފެކްޝަން ބިލަށްވުރެ މާ ބޮޑެތިކަންތައްވެސް ޕީޕީއެމް/އެމްޑީއޭ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުގެ ރުހުމާއެކު މަޖިލީހުން ފާސްކޮށްފައިވާނެ ކަމަށެވެ.

"ދަންނަވާލަން ބޭނުންވާ ވާހަކައަކީ ޕީޕީއެމް/އެމްޑީއޭ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕު އޮތީ ވަރަށް ބަދަހިކޮށޭ. ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް މެންބަރުން ހުސަހަޅުއްވާ ހިޔާލުތަކާއި އިސްލާހުތަކާއެކު ބިލު ފާސްކުރާނެ،"

ދުނިޔޭގެ އިތުރު ގައުމުތަކުގައިވެސް މިފަދަ ގާނޫނުތައް ހުރިކަން ނިހާނު ފާހަގަކުރެއްވިއެވެ.

އެންޓި ޑިފެކްޝަން ބިލުގައި ބުނާގޮތުން އިންތިހާބުވި ޕާޓީން މެންބަރު ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގަތްނަމަވެސް ގޮނޑިއެއް ނުގެއްލޭނެއެވެ. ނަމަވެސް ޕާޓީއަކާ ގުޅުމަށްފަހު، މިއިން ކަމެއް ހިނގައިފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ވެއެވެ.