ޤައުމެއްގެ ހަޔާތުގައި އަންނާނެ އެންމެ ބިރުވެރިކަމަކީ އެގައުމެއްގެ އަދުލު އިންސާފުގެ ނިޒާމު ފުނޑާލުންކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެއެންމެ ފުރަތަމަ ގައުމުޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނާޒިމް މިރޭ ވިދާޅުވީ، އެކަމުގެ ސަބަބުން ގައުމުގައި ބިރުވެރިކަން އުފެދި މުޅި ދުނިޔޭގައިވެސް ގައުމާމެދު ނުކިއްސަރު ގޮތެއްގައި ވިސްނުމުގެ ޖާގަ ދެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގައުމަކަށް ލިބޭނެ އެންމެ ބޮޑު ހިތްދަތި ކަމަކީ ރައްޔިތުން އިންތިޚާބުކޮށްފައި ހުރި ވެރިޔަކު ވެރިކަމުން ދުރުކުރުން ކަމަށެވެ.

"ރައްޔިތުން އިންތިހާބު ކޮށްފައިހުރި ވެރިއަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އަސާސް. އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުގެ އެއްވުންތަކުން މި އިވެނީ އިންތިހާބަކާ ނުލައި ރައީސް ވެރިކަމުން ބަލާ ވާހަކަ،" ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

މިރޭގެ ޕްރޮގްރާމުގައި މިނިސްޓަރު ވަނީ އިދިކޮޅު ލީޑާޝިޕަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ގާސިމް އިބްރާހިމަކީ ރައްޔިތުން "ޓެސްޓުކޮށްފައިވާ ތިން ޕްރޮޑަކްޓު" ކަމަށާއި "އެ ތިންޕްރޮޑަކްޓަކީ ފެއިލްވެފައިވާ ތިން ޕްރޮޑަކްޓު" ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

"މި ތިން ލީޑާޝިޕަކަށް ރައްޔިތުންގެ ތާއީދެއް ނެތް،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫނާއި ގާސިމްގެ ތާއީދާއެކު ނޫތްތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، 2013 ވަނަ އަހަރުގެ އިންތިޚާބުގައި ރައްޔިތުން ބުނީ ތިން ވާހަކައެއް ކަމަށާއި ފުރަތަމަ ވާހަކައަކީ ރައީސް ޔާމީންގެ މެނިފެސްޓޯ ގަބޫލުކުރާ ވާހަކަ ކަމަށާއި އަނެއް ވާހަކަ އަކީ އެމްޑީޕީގެ ވެރިކަމެއް ބޭނުންނޫން ވާހަކަ ކަމަށެވެ.

ނާޒިމް ވިދާޅުވީ ގާސިމް އިބްރާހިމް ސަރުކާރާ އިދިކޮޅަށް ވަޑައިގެން މަސައްކަތް ކުރައްވަނީ ސަރުކާރުގެ ތެރެއިން ހާސިލު ކުރަން އުޅުނުކަމެއް ހާސިލު ނުކުރެވުމުން ކަމަށެވެ.

އިދިކޮޅަށް ފާޑުވިދާޅުވެ މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ހަރުދަނާ އޮޕޮޒިޝަންއެއް ނެތް ކަމަށެވެ.

"މަލްޓިޕާޓީ ޑިމޮކްރަސީގެ މި ނިޒާމު ރާއްޖޭގައި ދަމަހައްޓަން ބޭނުންވާނަމަ ވެރިކަންކުރާ ޕާޓީ ހަރުދަނާވާ ފަދައިން ހަރުދަނާ އޮޕޮޒިޝަނެއްވެސް އޮންނަންޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ މިހާރު ރާއްޖޭގައި އޮތީ މިސްރާބެއް ނެތް އޮޕޮޒިޝަނެއް ކަމަށެވެ.

"އިންތިޚާބު ބާއްވަން ހަ މަހަށްވާއިރު ކެނޑިޑޭޓެއް ނުދެއްކޭ، މެނިފެސްޓޯ އެއް ނުދެއްކޭ."

އިދިކޮޅު ފަރާތްތަކުގެ ހަމައެކަނި އެޖެންޑާ އަކީ ނަހަމަގޮތުގައި ސަރުކާރު ވައްޓާލުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މަގުމައްޗަށް ނިކުންނަން ރައްޔިތުން ބޭނުންނުވާ ކަމަށާއި، ރައީސް ޔާމީނުގެ ސަރުކާރުން ގެންނަ ތަރައްގީ ރައްޔިތުންނަށް ފެނި ގަބޫލުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.