މިނިވަން ޗެމްޕިއަންޝިޕްގެ މ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި ވޭވަށް ބަލިކޮށް، މުލި ޓީމުން ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު ހަވީރު އަމިއްލަ ރަށުގައި ކުޅެމުންދިޔަ މުލި ޓީމުން ވޭވަށުގެ މައްޗަށް ކުރި ހޯދާފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ތިން ލަނޑު ޖަހާފައިވަނީ މުލި ޓީމުންނެވެ. މެޗުގެ އެއްވަނަ މިނެޓާއި، 24 ވަނަ މިނެޓު އަދި 36 ވަނަ މިނެޓުގައި މުލި ޓީމުން ކާމިޔާބުކުރި ލަނޑުވެސް އެޓީމަށް ޖަހައިދިނީ އަހްމަދު ރައިހާނެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ވޭވަށް ޓީމުގެ އަބްދުލް ޚަލީލް ވަނީ ލަނޑެއްޖަހައި އެޓީމަށް އުންމީދު އާކޮށްދީފައެވެ. މެޗުގެ އިތުރު ވަގުތުކޮޅު ތެރޭގައި ވޭވަށުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޝަޒީމް ހަސަނެވެ.

މ. އަތޮޅު ބުރުގައި ވާދަކުރާ ޓީމުތަކަކީ މަޑުއްވަރީއާއި، ވޭވަށާއި، މުލި އަދި މުލަކެވެ. އެ އަތޮޅު ބުރުގެ ފައިނަލުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ވާދަކުރާ އިރު، ޗެމްޕިއަން ޓީމަށް ޒޯން ބުރުގެ ޖާގައެއް ލިބޭނެއެވެ.