އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ފިނޭގެ މައްޗަށް ހަނިމާދޫން ކުރި ހޯދައިފިއެވެ.

މިއަދު ހަވީރު ފެށި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ފިނޭގެ މައްޗަށް އަމިއްލަ ރަށުގައި ކުޅެމުންދިޔަ ހަނިމަދޫ ކުރި ހޯދާފައިވަނީ 10-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ހަނިމާދޫން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ފުރަތަމަ ލަނޑު ހަނިމާދުއަށް އަލީ ހުސައިން ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދެވެ.

ދެވަނަ ހާފުގައި ހަނިމާދޫގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އަލީ ހުސައިން ވަނީ އިތުރު ތިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ހަނިމާދޫގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އާސިފް ސަލީމާއި، މުހައްމަދު އަބްދުލް ގަފޫރާއި، އަހްމަދު އަފްރާހެވެ. އޭގެ ތެރެއިން އާސިފް ސަލީމާއި އަހްމަދު އަފްރާހު، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. ފިނޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޔާމީނެވެ.

ހދ. އަތޮޅު ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ހަނިމާދުއާއި، ފިނޭއާއި، ނޮޅިވަރަމް އަދި ނެއްލައިދުއެވެ. އެ ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫގައެވެ. ކުޅުދުއްފުށީގައި ކުޅޭ ގްރޫޕް ދޭއްގައި އެ ރަށުގެ އިތުރުން ދެން ހިމެނެނީ ނޮޅިވަރަންފަރު އަދި ކުމުންދުއެވެ. ގްރޫޕު ދޭއްގައި ކުރިނބީ ހިމެނުނު ނަމަވެސް، ފަހުން އެޓީމު ވަނީ މުބާރާތުގައި ބައިވެރިނުވާން ނިންމައި، މުބާރާތުން ނަން ނަގައިފައެވެ.