ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި ބޭނުންކުރަން ވެމްކޯއިން ފަސް ކޮޅުވެއްޓި ގެނެސްފިއެވެ.

ވެމްކޯއިން ބުނީ އެކުންފުނިން މިއަދު ގެނައީ 250 ޓަނުގެ ދެ ކޮޅުވެއްޓިއާއި 400 ޓަނުގެ ތިން ކޮޅުވެއްޓި ކަމަށެވެ.

ކޮޅުވެއްޓިތަކާ ރަސްމީކޮށް ހަވާލުވަޑައިގެންނެވީ އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤް އިބްރާޙިމެވެ.

މީގެ ކުރިން ވެމްކޯއިން ތިލަފުއްޓަށް ކުނި އުފުލަން ބޭނުންކުރީ ކުއްޔަށް ނަގާފައިވާ ކޮޅުވެއްޓި ނަމަވެސް އަންނަ މަހުން ފެށިގެން ކުނި އުފުލަން ބޭނުންކުރާނީ އަލަށް ގެނައި ކޮޅުވެއްޓިތައް ކަމަށް ވެމްކޯ އިން ބުނެއެވެ.

އަލަށް ގެނައި ކޮޅުވެއްޓިތަކާއެކު ކުނި އުފުލުމަށް އެކުންފުނިން ކުރަމުންދިޔަ ހަރަދު ކުޑަވެ އެ މަސައްކަތުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށް ވެމްކޯ އިން ބުނެއެވެ.