ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހާއެކު، އެޑިޓަރުންނާ ގުޅޭ މާއްދާ އާމެދު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އެ މާއްދާ އިސްލާހުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހޯމް މިނިސްޓްރީ އާ މަޝްވަރާކޮށްފިއެވެ.

މިއަދު އެމްއެމްސީން ހޯމް މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމުގައި، އެ މާއްދާ އިސްލާހުކުރުމަށް އެމްއެމްސީގެ މެންބަރުންގެ ހިޔާލު ވަނީ ހޯމް މިނިސްޓްރީއާ ހިއްސާކޮށްފައެވެ.

އެމްއެމްސީން ބުނީ އެކައުންސިލުގެ މެންބަރުން ވިސްނުން ގެންގުޅުއްވާފައިވަނީ، އެޑިޓަރުންނާ ގުޅޭ މާއްދާ، މީޑިއާތަކަށް ފަހިވާނެހެން އިޞްލާޙުކުރުމަށްކަމަށެވެ.

އެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ ކައުންސިލުގެ މެންބަރުން ހުށަހެޅުއްވި ޚިޔާލުފުޅުތައް، ކަމާބެހޭ ފަރާތްތަކާ ޙިއްޞާކުރައްވާނެ ކަމަށް ވިދާޅުވެފައި ކަމަށާއި، ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ކައުންސިލަށް ޖަވާބެއް ދެއްވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނި ކަމަށް އެމްއެމްސީ އިން ބުނެއެވެ.

ނޫސް މަޖައްލާއާ މިނޫންވެސް ތަކެތި ރަޖިސްޓްރީކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނައުމަށްފަހު ހޯމް މިނިސްޓްރީ އިން މިދިޔަ މަހު އާންމުކުރި ގަވައިދުގައި ބުނެފައިވަނީ ނޫސްމަޖައްލާތަކުގެ ކޮންޓެންޓް ބެލެހެއްޓުމަށް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އެޑިޓަރެއް ހުންނަންޖެހޭނެ ކަމަށާއި، އެޑިޓަރަކީ ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިރުކުރާ ނޫހެއްގައި ފަސް އަހަރު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެ ކަމަށެވެ.

މި ޝަރުތު ހަމަނުވާ އެޑިޓަރުން އެއްމަސް ތެރޭ ބަދަލުކުރުމަށް ވަނީ އެދިފައެވެ.