ނިމިގެން ދިޔަ އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފުޓްބޯޅަ ޓީމަށް ނާކާމިޔާބުވުމުގައި ސީޝެލްސްގެ ފެސިލިޓީޒް ދަށްވުން ހިމެނޭ ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ދެއްކެވި ވާހަކަތަކަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން މިއަދު ރައްދުދީފި އެވެ.

ހޭންވޭރު ބޯޅަ ގޭގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު )މަރޭ( ވިދާޅުވީ، މުބާރާތުގައި ރާއްޖެއިން ބައިވެރިވި ހުރިހާ ކުޅިވަރުތަކަށް ވެސް، މުބާރާތަށް ދިއުމުގެ ކުރިން ސީޝެލްސްގެ ހާލަތު ކިޔާދެވުނު ކަމަށެވެ. ހަމަ އެގޮތުން އެފްއޭއެމް އަށް ދޭން ޖެހޭ މައުލޫމާތައް އޮލިމްޕިކް ކޮމެޓީން ފޯރުކޮށްދީފައި ވާނެކަމަށް މަރޭ ވިދާޅުވި އެވެ.

"މައްސަލައަކީ އެފްއޭއެމް އިން އެ މައުލޫމާތު ދޭން ޖެހޭ ހިސާބަށް ނުދިއުން. އެއީ އަޅުގަނޑުމެންގެ މައްސަލައެއް ކަމަށް ޤަބޫލެއް ނުކުރަން. މުބާރާތައް ދިއުމުގެ ކުރިން ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން އެފްއޭއެމް އިން އައީ އެންމެ ބައްދަލު ވުމަކަށް. އެއީ ފުރަތަމަ ބައްދަލު ވުމަށް. އެ ބައްދަލުވުމަށް އަޅުގަނޑު ވެސް އައިން. އޭގެ ފަހުން ބޭއްވި ދެ ބައްދަލުވުމަކަށް އެފްއޭއެމް އިން ވަޑައިނުގަންނަވާ. އެއީ އަޅުގަނޑުމެންގެ މައްސަލައެއްތޯ،" މަރޭ ވިދާޅުވި އެވެ.
މީގެއިތުރުން މިއަދުގެ ނިއުސް ކޮންފަރެންސްގައި ބައިވެރިވި، ޑެޕިއުޓީ ސެފްޑި މިޝަން މުހައްމަދު ހާނިމް ވިދާޅުވީ ވަކިވަކި ކުޅިވަރުތަކުގެ މުބާރާތްތަކާއި "އިންޑިއަން އޯޝަން އައިލެންޑް ގޭމްސް" އާ މުޅިން ތަފާތު ކަމަށާއި އެހެންނަމަވެސް މިފަހަރުގެ ގޭމްސަގައި ރައްޖެ ހޯދި ކާމިޔާބުތާކާ މެދު ހިތް ހަމަޖެހޭ ކަމަށެވެ.

އިންޑިއަން އޯޝަންސް އައިލެންޑްސް ގޭމްސްގައި ފުޓްބޯޅަ ޓީމުން ނެރުނު ނަތީޖާގެ އިތުރުން މުބާރާތުގައި ބައިވެރިވި އެހެން ކުޅިވަރުތަކުން ވެސް އެދެވޭ ކާމިޔާބެއް ނުލިބުނު މައްސަލަތައް ބަލާނެ ކަމަށް އެ ކުޅިވަރުތަކާ ބެހޭ އެސޯސިއޭޝަންތަކުން ވަނީ ބުނެފަ އެވެ.

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ވާދަކުރި އެންމެ "ކުޑަ" ކުޅިވަރަކީ ޓޭބަލް ޓެނިސް ނަމަވެސް މި ފަހަރު ރާއްޖޭން އެންމެ ބޮޑު ކާމިޔާބެއް ހޯދާފައި ވަނީ ޓީޓީން އެވެ.
މިއީ ދިވެހި ޓީޓީމަށް އެންމެ ގިނަ މެޑަލް ލިބުނު ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.

ޓީޓީގެ އަންހެން ސިންގަލްސް އިވެންޓުން މުއީނާ މުހައްމަދު ރިހި މެޑަލެއް އަދި ފާތިމަތު ޖުމާނާ ނިމާލް ލޯ މެޑަލެއް ވަނީ ހޯދާފަ އެވެ. އަދި އެހެން ކުޅިވަރުތަކަށް ބަލާ އިރު، ބެޑްމިންޓަނުން ތިން ލޯ މެޑަލް ވަނީ ހޯދާފަ އެވެ. އަދި ވޮލީބޯޅަ އިން ހަތަރު ވަނަ ހޯދިއިރު އެތުލެޓިކްސް، ބާސްކެޓްބޯޅަ ދިޔައީ މި ގޭމްސްގައި ފުލުންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެންމެ ފުރަތަމަ ބޭއްވީ 1979 ވަނަ އަހަރު ރީޔޫނިއަންގަ އެވެ.