07 Mar 2018, 19:55
ލަވަކިޔުންތެރިޔާ މީރާ މުހައްމަދުގެ އާ ލަވައެއް އެހުންތެރިންނަށް ދޫކޮށްލައިފިއެވެ.
މީރާގެ ލަވަތަކަކީ ދިވެހި ލަވައަށް ލޯބިކުރާ މީހުންގެ މެދުގައި މަގުބޫލު، އަބަދުވެސް އަހާހިތްވާ ލަވަތަކެކެވެ. އެގޮތުން މީރާގެ ކުރީގެ ލޯބިވެރިޔާ ޔާމީންއާއެކު ކިޔާފައިވާ ކަވާ ލަވަތަކާއި އެހަނދާނުގައި ފަދަ ޝޯތަކުގައި މީރާގެ އަޑުން އިވިގެންދިޔަ ލަވަތަކަކީ އަދިވެސް ބާނުވެ، މީހުން އަޑުއަހާ ލަވަތަކެކެެވެ.
މީރާގެ އަމިއްލަ ލިރިކްސް އަކަށް، މީރާ މެލޮޑީ ތައްޔާރުކޮށް ޝަލަބީ އާއެކު ކިޔާފައިވާ "ބޭނުންވަނީ" މިލަވަ ވަނީ ރޭގައި އެހުންތެރިންނަށް ދޫކޮށްލައިފައެވެ.
މީރާގެ ފޭސްބުކް ޕޭޖުގައި ބުނީ މި ލަވައަކީ 2016 ވަނަ އަހަރުން ފެށިގެން އޭނާ މަސައްކަތް ކުރަންފަށާފައިވާ ލަވައެއް ކަމަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ ލަވަ ރިލީޒްކުރުން ލަސްވީ ކަމަށް މީރާ ބުނެފައިފައިވެއެވެ.
"މި ލަވައިގެ މެލޮޑީ ތައްޔާރުކުރީ ޝަލަބީގެ އެހީތެރިކަމާއެކު މީރާ. ލިރިކްސް އަކީ މީރާގެ ލިރިކްސް އެއް. މިއުޒިކް ތައްޔާރުކޮށްދިނީ މީރާގެ ގާތް އެކުވެރިއެއް އަދި މި ދާއިރާގައި މީރާގެ އެންމެ ފޭވަރިޓު އެކަކު، މިސްޓީ،" މީރާގެ ޕޭޖުގައި އާންމުކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.