07 Mar 2018, 17:38
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގާޅުގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޭއެފްސީ ކަޕުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ގްރޫޕް އީގެ ފުރަތަމަ މެޗުގައި ނިއުއިން އަވޭގައި އަބަހާނީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް، ދެވަނަ ހާފްގައި ނިއުއަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ)އެވެ. މެޗުގެ 65 ވަނަ މިނެޓުގައި އަބަހާނީގެ ނައިޖީރިއާ މިޑްފީލްޑަރު ސަންޑޭ ޗިޒޯބާއަށް ދެއްކި ރަތް ކާޑާއެކު އަބަހާނީން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ.
މެޗުގެ ފުރަތަމަ ހާފްގައި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާ އުފެއްދީ ނިއުރޭޑިއަންޓުންނެވެ. އެހެން ނަމަވެސް ޑާކާ އަބަހާނީގެ ނައިޖީރިއާ ދެ ކުޅުންތެރިން ކަމަށްވާ ސަންޑޭއާއި އެމެކާ ޑާލިންޓަންގެ ފަރާތުން ނިއުގެ ގޯލަށް ނުރައްކާ ކުރިތަން ފެނިގެންދިޔައެވެ. ނިއުއިން މިއަދުގެ މެޗަށް ނުކުތީ އަނިޔާގައި ހުރި އެޓީމުގެ އަފްގާން ޑިފެންޑަރު ހާރޫން އަމީރީ ނުލައެވެ.

ނިއުއާއި އަބަހާނީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ
ހާއްސަކޮށް ސަންޑޭއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވުނެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ނިއުގެ ބިދޭސީ ޑިފެންޑަރު ޖޯޖު ގޮޓޯއާއި ކަންޑޭލާ އަދި އަކުރަމް އަބްދުލްޣަނީވެސް ނައްޓާލުމަށްފަހު ނިއުގެ އޭރިއާ ތެރެއަށް ބޯޅައާއެކު ވަން ސަންޑޭއަށް ނިންމާ ނުލެވުނީ މާ ބޮޑަށް ލަސްކުރުމުގެ ސަބަބުންނެވެ.
ހާފް ނިމެން ދަނިކޮށް ނިއުއަށް ވަނީ ހުސް ދެ ފުރުސަތެއް ފަހިވެގެން ގޮސްފައެވެ. އެގޮތުން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ އަބަހާނީގެ ނައިޖީރިއާ ޑިފެންޑަރު ޑުކާކޫ އޮޑާކާ ވަނީ މަތަކޮށްފައެވެ. މީގެ އިތުރުން ހަމްޕުގެ ބޯޅައަށް އަބާހަނީގެ ޕެނެލްޓީ އޭރިއާ ތެރެއަށްވަދެ، އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބާރު ހަމަލާ، އަބަހާނީ ކީޕަރު ޝަހީދުލް އާލަމް ވަނީ ކުރިއަށް ނުކުމެ މަތަކޮށްފައެވެ. ޝަހީދުލް އާލަމްއަކީ ބަންގާޅު ގައުމީ ޓީމުގެވެސް ކީޕަރެވެ.
ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ނިއުއިންނެވެ. މެދުތެރެއިން މުހައްމަދު އުމެއިރު އަދި ކަންޑެލާގެ ގިނަ ޕާސްތަކެއް ފެނިގެންދިޔައިރު، މެޗުގެ 57 ވަނަ މިނެޓުގައި ނިއުއިން ލީޑު ނެގިއެވެ. ޑާކާ އަބަހާނީގެ ޑިފެންސް މަތިން ވަރަށް ރީތިކޮށް އުމެއިރު ދިން ތުރޫ ބޯޅަައިގެ ބޭނުން ހިފާ، ސެންޓޭ ނިންމާލީ ސީދާ ގޯލްގެ ތިރީ ކަނަށެވެ.

ނިއުއާއި އަބަހާނީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ
ގޯލަށްފަހުވެސް ނިއުއަށް އިތުރު ފުރުސަތުތަކެއް ތަނަވަސްވެގެން ދިޔަތަން ފެނިގެންދިޔައެވެ. އަބަހާނީން ކުޅުންތެރިއަކު މަދުން ކުޅެމުން ދިޔަތަން ވަރަށް ބޮޑަށް ފެނިގެންދިޔައިރު، ނިއު އަދި ގައުމީ ޓީމުގެ ކެޕްޓަން އަޝްފާގަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. ގޯލެއް ޖެހުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ފުރުސަތުތައް ވީ ނާކާމިޔާބެވެ.
މެޗުގެ ފަހު ފަސް ވަރަކަށް މިނެޓުގައި އަބަހާނީގެ ފަހަރާތުން ނިއުގެ އޭރިއާ ތެރެއަށް ނުރައްކާ ކުރިނަމަވެސް ނިއުގެ ޑިފެންސުން ވަނީ މެޗުގެ ލީޑު ހިފަހައްޓައިފައެވެ. މިއަދުގެ މެޗުގައި ނިއުގެ ޑިފެންސް ފަހަތަށް އައި ގިނަ ބޯޅަތަކެއް ސާފުކޮށްލުމުގައި ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދުގެ މަސައްކަތް ފާހަގަކޮށްލެވުނެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ބަންގާޅު ޗެމްޕިއަން އަބަހާނީ އަދި ރާއްޖޭގެ ޗެމްޕިއަން ނިއުގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ އައިލީގު ޗެމްޕިއަން އައިޒައުލް އެފްސީއާއި މި ސަރަހައްދުގެ ގަދަ ބާރު، ބެންގަލޫރު އެފްސީއެވެ.
ނިއު ހިމެނޭ ގްރޫޕްގައި އައުޒަލް އެފްސީއާއި ބެންގަލޫރު އެފްސީ ވާދަކުރާ މެޗު މިއަދަށް ތާވަލުކޮށްފައި އޮތް ނަމަވެސް އިންޑިއާ ސުޕަ ލީގުގެ ސެމީ ފައިނަލްގައި ބެންގަލޫރު އެފްސީން ޕޫނޭ ސިޓީ އެފްސީއާ ދެކޮޅަށް ކުޅޭ މެޗު މިއަދު އޮތުމުން އެ މެޗު ވަނީ އޭޕްރީލްއަށް ފަސްކޮށްފައެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއުއަށް ދެން އޮންނާނީ ހޯމް މެޗެކެވެ. މިމަހުގެ 14 ވަނަ ދުވަހު ނިއުއިން މާލޭގައި ނުކުންނާނީ އައިޒައުލް އެފްސީއާ ދެކޮޅަށެވެ.