07 Mar 2018, 16:18
ކޮލަމްބޯ (މާޗް 7): ސްރީލަންކާގައި ދީނީ ހަމަނުޖެހުންތައް ކޮންޓްރޯލު ކުރުމުގެ ގޮތުން ތިން ދުވަހަށް ސޯޝަލް މީޑިއާ ބްލޮކް ކުރަން އެގައުމުގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަން (ޓީއާރުސީ) އިން ނިންމައިފި އެވެ.
ލަންކާގެ ކެބިނެޓުގައި ތަރުޖަމާނު ރަޖިތާ ސެނަރަތްނޭ ވިދާޅުވި ގޮތުގައި ފޭސްބުކާއި ވަޓްސްއެޕާއި ވައިބާ ފަދަ ޕްލެޓްފޯމުތައް ބްލޮކް ކުރަން ސަރުކާރުން އެންގީ، އެ ގައުމުގެ މުސްލިމުންނަށް ހަމަލާ ދިނުމަށް ގޮވާލާ ޕޯސްޓުތަކެއް ފޭސްބުކުގައި ޝެއާ ކުރި ފަހުންނެވެ.
ޓީއާރުސީ އޮފިޝަލަކާ ހަވާލާދީ ލަންކާގެ ސަންޑޭ ޓައިމްސްގައިވާ ގޮތުން އެ ކޮމިޝަނުން ދަނީ ގައުމުގެ ޑިފެންސް މިނިސްޓްރީގެ އެދުމުގެ މަތިން ސޯޝަލް މީޑިއާގައި ހިއްސާ ކުރާ މައުލޫމާތު މޮނީޓަރުކޮށް، ފޭކު ހަބަރު ފާހަގަ ކުރަމުންނެވެ.
އަދި ލަންކާގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޑައެލޮގް އިން ވަނީ ޓީއާރުސީގެ އިރުޝާދުގެ މަތިން ކެންޑީގައި 3ޖީ އާއި 4ޖީ ބޭނުން ކުރުން ހަނިކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
ލަންކާގެ ކެންޑީ ޑިސްޓުރިކްޓުގައި ބުދިސްޓުންނާއި މުސްލިމުންނާ ދެމެދު ހިނގަން ފެށި ހަމަނުޖެހުމުގެ ސަބަބުން އިއްޔެ އެގައުމުން ވަނީ 10 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ކެންޑީގައި ވަކި ގޮތެއް އަންގަންދެން ކާފިއު އިއުލާންކޮށް، އެޑިސްޓުރިކްޓުގެ ސަރުކާރުގެ ސްކޫލުތައް ބަންދުކޮށްފައި ބެހެއްޓުމަށް ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ. (ލަންކާބިޒްނަސްއޮންލައިން)