ދެކުނު އޭޝިއާގައި އިންޑިއާގެ ބާރުދަނީ ނިކަމެތިވަމުން ކަމަށް ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިފުޅު ތާރިގް ރަހުމާން ވިދާޅުވެއްޖެ އެވެ.

ހާލިދާ ޒިޔާ ޖަލަށްލުމުން މަންމާފުޅުގެ ޕާޓީ ބަނގުލަދޭޝްގެ ނެޝެނަލް ޕާޓީ( ބީއެންޕީ) ހިންގަވަނީ ތާރިގް އެވެ. ތާރިގް ފޭސްބުކްގައި އާންމުކުރެއްވި ލިޔުމެއްގައި ވަނީ އިންޑިއާގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ތާރިގް ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކަށް އިންޑިއާއިން އަތްގަދަކޮށްގެން އުޅުނު ދުވަސްތައް މިހާރު ނިމެމުންދާ ކަމަށެވެ. އެގޮތުން އިންޑިއާ އާއި ނޭޕާލްގެ ގުޅުން ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ރާއްޖެ އިން ވެސް އިންޑިއާއަށް އަންގައިފި، ރާއްޖޭގެ ދާހިލީ ކަންތައްތައްތަކުގެ ތެރެއަށް ނުވަންނަން. އިންޑިއާއަށް މިޙާރު ހަމައެކަނި ކޮންޓްރޯލް ކުރެވެނީ ބޫޓާން އެކަނި،" ތާރިގް ވިދާޅުވި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން އިންޑިއާގެ އަތްދަށުން ސަލާމަތްވާން މަސައްކަތްކުރިއަސް އިންޑިއާ އިން ބަނގުލަދޭޝް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރާ ކަމަށް ތާރިގް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

"ބަނގުލަދޭޝްގެ ވެރިކަމުގައި ކޮރަޕްޓް ސަރުކާރެއް ދެމިއޮތުމުގައި އިންޑިއާއިން ވަނީ ކާމިޔާބުހޯދާފައި. ހަސީނާގެ ސަރުކާރުން ގައުމުގެ ހުރިހާ އެއްޗެެއް ވެސް އިންޑިއާއަށް ދޭން އެއޮތީ ތައްޔާރަށް." ތާރިގް ވިދާޅުވި އެވެ.