ބާޒާރު ބަނދަރު ތަރައްގީ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން އަނެއްކާ ވެސް ހުޅުވާލައިފި އެވެ.
އިކޮނަމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބާޒާރު ބަނދަރު ތަރައްގީ ކުރުމުގެ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ)ގެ ޑޮކިއުމެންޓަށާއި އަދި ލޭންޑް ޔޫސް ޕްލޭންތަކަށް ވަނީ އެ ޕްރޮގްރާމްގެ ދަށުން ހޮވާލާފައިވާ ރަށްތަކުގެ ކައުންސިލުންނަށް ހުށަހަޅައި އެ ހުށަހެޅުންތަކާ އެއްގޮތަށް އިސްލާހު ގެނެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަނެއްކާ ވެސް އާންމުކޮށް ހުޅުވާލާފައި ކަމަށެވެ.

ބާޒާރު ބަނދަރު ތަރައްގީ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިވެހިންނަށާއި ބޭރު މީހުންނަށް އިއްޔެ ވަނީ ހުޅުވާލާފަ އެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ ބަނދަރުތައް ތަރައްގީ ކުރުމަށް ތިން ގިންތި އަކަށް ބަހާލާފައިވާ ކަމަށެވެ. އެއީ ރަށު ފެންވަރުގެ ބަނދަރާއި އަތޮޅު ފެންވަރުގެ ބަނދަރާއި އަދި ސަރަހައްދީ ފެންވަރުގެ ބަނދަރެވެ.

އެ ބަނދަރުތަކުގައި މުދާ ރައްކާކުރާނެ ގުދަންތަކާއި ބޭންކްގެ ހިދުމަތާއި ގެސްޓް ހައުސް ޓްރާންސިޓް ފެސިލިޓީސް ފަދަ ހިދުމަތްތައް ލިބެން ހުންނާނެ އެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ އާރްއެފްޕީގެ ދަށުން ބަނދަރު ސަރަހައްދު ތަރައްގީ ކުރުމަށް ނުވަ ރަށެއް ހުޅުވާލާފައިވާ ކަމަށެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި، ލ. ގަމާއި، ގދ. ތިނަދޫ އާއި، ރ. ދުވާފަރާއި، ހއ. ހޯރަފުށްޓާއި، ހއ. އިހަވަންދޫ އާއި، ދ. ކުޑަހުވަދޫ އާއި އަދި މ. މުލަކުގެ އިތުރުން ގއ. ދާންދޫ އެވެ.