މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ހދ. ކުރިނބީ ވަކިވެއްޖެ އެވެ.

ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާހް 'ސަން ސްޕޯޓްސް' އަށް މިއަދު ވިދާޅުވީ ކުރިނބީން މުބާރާތުން ވަކިވުމަށް އެފްއޭއެމްއަށް ހުށައަޅާފައިވާ ކަމަށެވެ.

"އެފްއޭއެމްއަށް ހުށަހަޅައިފިން މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުން ވަކިވާން. ޓީމަށް މިވަގުތު ކުޅުންތެރިން ހަމަވާން ނެތީ މުބާރާތް ކުޅުމަށް. ދެ ފަހަރަކަށް ލަސްވުމުން މުބާރާތް ކުޅެން ޗުއްޓީ ނަގައިގެން ރަށަށް އައި ގިނަ ކުދިންނަށް ފަހުން ޗުއްޓީ އިތުރު ކުރެވޭ ގޮތެއް ނުވި،" އަފްރާހް ވިދާޅުވި އެވެ.

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުން ކުރިނބީ ވަކިވިކަން މުބާރާތް ބާއްވާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވެސް 'ސަން ސްޕޯޓްސް'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ކުރިނބީއާ އެކު މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 57 ރަށަކުން ބައިވެރިވެފައިވާއިރު، ޒޯން އެކެއްގައި ހިމެނޭ ހދ. އަތޮޅުން ވަނީ އަށް ޓީމު ބައިވެރިވެފަ އެވެ. އެއީ ހދ. ހަނިމާދޫ، ކުޅުދުއްފުށި، ކުމުންދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ، ފިނޭ، ނޮޅިވަރަމް އަދި ކުރިނބި އެވެ.

އެފްއޭއެމުން ކުރިން ޝެޑިއުލް ކޮށްފައި އޮތީ މިދިޔަ ހޮނިހިރު ދުވަހު މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުގެ ކުޅުން ފެށުމަށެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ އެކު އެ މުބާރާތް ފެށުން ވަނީ މިއަދަށް ލަސްކޮށްފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު ބުރު މިއަދު ހދ. އަތޮޅު ފިނޭ އަދި ހަނިމާދޫ ވާދަކުރާ މެޗުން ފެށުމަށް ހަމަޖެހިފައިވާ އިރު، އެ ދެ ޓީމަކީ އދ. އަތޮޅުގެ ގްރޫޕް އެކެއްގައި ހިމެނޭ ދެ ޓީމެވެ. އދ.ގެ އަތޮޅު ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މިނިވަން ޗެމްޕިއަންޝިޕްގެ މުބާރާތުގައި މިދިޔަ އަހަރު 81 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ އަދަދު މިހާރު ވަނީ 56 އަށް އަރައިފަ އެވެ. މި އަހަރު ވެސް މުބާރާތުގައި އަށް ޒޯން ހިމެނެ އެވެ.

މި އަހަރުގެ މުބާރާތުގައި ވެސް ޖުމްލަ 20 އަތޮޅުގެ ޓީމުތައް ބައިވެރިވެފައިވެ އެވެ. މި އަހަރުގެ މުބާރާތުން ފުރުސަތުދީފައި ވަނީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓަރީ ކޮށްފައިވާ ޓީމުތަކަށެވެ.