07 Mar 2018, 15:13
ކޮލަމްބޯ (މާޗް 7): ސްރީލަންކާގައި ސޯޝަލް މީޑިއާ މޮނީޓާކޮށް، އިންޓަނެޓްގެ ހިދުމަތް ހަނި ކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަން (ޓީއާރުސީ) އިން ބުނެފި އެވެ.
ޓީއާރުސީގެ އޮފިޝަލަކާ ހަވާލާދީ ލަންކާގެ ސަންޑޭ ޓައިމްސްގައިވާ ގޮތުން އެ ގައުމުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މޮނިޓާ ކުރަމުން ދަނީ ޑިފެންސް މިނިސްޓްރީގެ އެދުމުގެ މަތިންނެވެ. އަދި އެމިނިސްޓްރީން އެ އިރުޝާދުތައް ދީފައި ވަނީ ކެންޑީ ޑިސްޓްރިކްޓުގައި ބުދިސްޓުންނާއި މުސްލިމުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަށް ފަހު ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އެހެންކަމުން ފޭސްބުކް، ޓުވިޓާ، ވަޓްސްއެޕް އަދި ވައިބާ ފަދަ ޕްލެޓްފޯމުތަކުގައި ހިއްސާ ކުރާ މައުލޫމާތު މޮނިޓާ ކުރަމުންދާ ކަމަށާއި ހަމަނުޖެހުމަށް ހިތްވަރުދޭ ފަދަ މެސެޖުތަކާއި ފޭކު ހަބަރު ފާހަގަ ކުރަމުންދާ ކަަމަށް ޓީއާރުސީން ބުންޏެވެ.
އަދި އެންމެ ގިނައިން ސައްހަ ނޫން ހަބަރާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ފަދަ މައުލޫމާތު ފަތުރަނީ ފޭސްބުކުގައި ކަމުން، އެކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދޭނީ ފޭސްބުކަށް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ވަގުތު އިންޓަނެޓް ސްލޯ ވާނެ ކަމަށާއި ނަމަވެސް މާގިނަ އިރުތަކެއް ނުވެ މައްސަލަ ހައްލު ވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން، ލަންކާގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޑައެލޮގް އެގްޒިއާޓާ އިން ވަނީ ޓީއާރުސީގެ އިރުޝާދުގެ މަތިން ކެންޑީގައި 3ޖީ އާއި 4ޖީ ބޭނުން ކުރުން ހަނިކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
ކެންޑީގައި ހަމަނުޖެހުންތައް ފެށީ ބުދު ދީނުގެ މީހަކު މަރާލި ހާދިސާއަކާއި މުސްލިމުން ހިންގަމުން ގެންދާ ފިހާރަތަކެއްގައި ހުޅުޖެހި ހާދިސާތަކަކަށް ފަހު އެވެ. ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފައިވާ ގޮތުގައި، ކެންޑީގައި އިއްޔެ ރޭ ހިނގި ހަމަނުޖެހުންތަކުގައި ބުދިސްޓުން ވަނީ މުސްލިމު ޒުވާން ފިރިހެން ކުއްޖަކަށް ހަމަލާދީ، އެކުއްޖާ މަރާލައިފަ އެވެ.

ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި -- ފޮޓޯ: އޭއެފްޕީ
އެހަމަނުޖެހުންތަކުގެ ސަބަބުން އެގައުމުގައި އިއްޔެ 10 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ކެންޑީގައި ވަނީ ވަކި ގޮތެއް އަންގަންދެން ކާފިއު އިއުލާންކޮށްފަ އެވެ. އަދި ކެންޑީގައި ހުންނަ ސަރުކާރުގެ ސްކޫލުތައް ވެސް ވަކި ގޮތެއް އަންގަންދެން ބަންދުކޮށްފައި ބެހެއްޓުމަށް ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގައިފައި އެވެ.
ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި، ލަންކާގައި ހިނގަމުންދާ ދީނީ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ، އެގައުމުގެ ހަރުކަށި ބުދުދީނުގެ ޖަމާއަތް ބޮޑު ބަލަ ސޭނާ (ބީބީއެސް) އެވެ.
ދެހާސް ސާދަ ވަނަ އަހަރުވެސް ބޮޑު ބަލަ ސޭނާއަށް ނިސްބަތްވާ ބުދުދީނުގެ ހަރުކަށި ވިސްނުމުގެ ހާމުދުރުން ވަނީ ލަންކާގެ އަލުތުގަމަ އަދި ބޭރުވަލަ ޓައުނުގައި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރުދީ، އަދި ހަމަނުޖެހުން ހިންގައިފަ އެވެ.
ސްރީލަންކާގެ އާބާދީގެ 74 ޕަސަންޓަކީ ބުދުދީނަށް އަޅުކަންކުރާ، ސިންހަލަ ނަސްލުގެ މީހުންނެވެ. މުސްލިމުންނަކީ އެގައުމުގެ ޖުމްލަ އާބާދީގެ 10 ޕަސަންޓެވެ.