ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅާ ހިސާބުން ފަނޑިޔާރުގެ މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރެއަށް ޝަރުތެއް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ ފަސް ވަނަ ނަމްބަރެއްގެ ގޮތުގައި އިތުރުކޮށްފައި ވަނީ ފަނޑިޔާރު ވާން ޖެހޭނީ "ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ނުދާ މީހެއް" ކަމުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން ވެސް ފަނޑިޔާރުންގެ ގާނޫނަށް މާއްދާތަކެއް އިތުރު ކުރުމަށް އަދުރޭ ވަނީ ހުށަހަޅުއްވާފަ އެވެ. އެއީ ޖިނާއީ ތަހުގީގުތަކާ ގުޅިގެން ފަނޑިޔާރުން ސަސްޕެންޑް ކުރާ މާއްދާ އަކާއި ޖިނާއީ ކުށެއް ސާބިތުވާ ފަނޑިޔާރުންނާ މެދު އަމަލު ކުރާނެ ގޮތުގެ މާއްދާއެކެވެ.

ފަނޑިޔާރުންގެ ގާނޫނަށް 24 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރަން ހުށަހަޅާފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރު ކުރުމުން މުސާރަ ލިބޭ ގޮތަށް ފަނޑިޔާރު ސަސްޕެންޑް ކުރަން ވާނެ ކަމަށް ބުނާ މާއްދާ އެކެވެ. އަދި ދައުވާ އުފުލޭ ހިސާބުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ވެސް ވަނީ ހުށަހަޅާފަ އެވެ.

އޭގެ އިތުރުން ފަނޑިޔާރުންގެ މައްސަލައެއް ދަށު ކޯޓުން ނިންމުމުން 10 ދުވަސް ތެރޭގައި ހައިކޯޓަށް ހުށަހަޅަންޖެހޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެ މާއްދާގައި ބުނެފައިވާގޮތުން ހައިކޯޓުން މައްސަލަ ނިންމުމުން ސުޕްރީމް ކޯޓަށް ވެސް 10 ދުވަހުގެ ތެރޭގައި މައްސަލަ ހުށަހަޅަން ޖެހެއެވެ. އަދި އެ ހުށަހެޅޭ މައްސަލަ 30 ދުވަހުގެ ތެރޭ ނިންމައި ހުކުމް ކުރުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަޙަޅާފައިވެ އެވެ.

ކޯޓުން ޖިނާއީ މައްސަލައެއް ސާބިތުވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން ގެއްލޭނެ ކަމަށްވެސް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައިވެ އެވެ.

ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެ މީހަކު ގާބިލު ނޫން ކަމަށް ނުވަތަ އެމަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް މާއްދާއެއް އިތުރުކޮށް ބުނެފައިވަނީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާ ޖިނާއީ ކުށެއް ސާބިތުވާ ފަނޑިޔާރުންގެ މައްޗަށް ނުހިނގާނެ ކަމަށެވެ. އެއީ އެހާލަތުގައި ފަނޑިޔާރު މަގާމުން ވަކިވުމަކީ ތައުދީބީ ނުވަތަ އުސޫލީ މައްސަލައަކާ ގުޅިގެން ފިޔަވަޅު އެޅުން ކަމަށް ނުވާތީ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އެ އިސްލާހަށް އަމަލު ކުރަން ފަށާނީ މަޖިލީހުން ފާސްކޮށް ތަސްދީގުކޮށް ގެޒެޓްކުރާ ދުވަހުން ފެށިގެން ކަމަށް ވަނީ ބުނެފަ އެވެ.