ފަސް ޖެހުމަށް ނެތި ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ޕްރޮސެކިއުޓަަރު ޖެނެރަލް ބިޝާމް ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ދ. ވާނީގައި ބޭއްވި ޕޮލިސް ރެކްރޫޓް ޓްރެއިނިންގް ޕްރޮގްރާމެއްގެ ނިންމުމުގެ ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ބިޝާމް ވިދާޅުވީ ފުލުހުންގެ ހުވަޔާ އެއްގޮތަށް ގާނޫނާއި ގަވާއިދާ އެގޮތަށް އިހުލާސްތެރިކަމާ އެކު ފުލުހުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިން އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއި ކެރުމާ އެކު ފަސްޖެހުމެއް ނެތި ސާބިތުކަމާ އެކު ފުލުހުންގެ ވާޖިބު އަދާކޮށްދެއްވާ،" ޕީޖީ ބިޝާމް ވިދާޅުވި އެވެ.

ދ. ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ޕީޖީ އައިޝަތު ބިޝާމް --- ފޮޓޯ/ ޕޮލިސް

އަދި ގައުމެއްގެ ދެމެހެއްޓެނިވި ތަރައްގީގައި ފުލުހުންގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ މުޖްތަމައުގެ ހަމަޖެހުން ކަމަށް ބިޝާމް ވިދާޅުވި އެވެ.

ފުލުހުންގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ދުވަހެއް ދުވަހަކަށް، އައުގޮތްތައް ހޯދައި މަސައްކަތްތައް ތަރައްގީކޮށް ޒަމާނީ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ބިޝާމް ވަނީ ވިދާޅުވެފަ އެވެ.

އެ ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި ކޮމިޝަންޑް އޮފިސަރުންން ބައިވެރިވެ ވަޑައިގަތެވެ. އަދި ދ. އަތޮޅުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ޕޮލިސް އެކަޑަމީގެ އިސްވެރިންނާއި 29 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގް ކޯހުގެ ބައިވެރިންނާއި އެބައިވެރިންގެ ބެލެނިވެރިން ވެސް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެފަ އެވެ.

ދ. ވާންޏަކީ 2004 ވަނަ އަހަރުގެ ސުނާމީއާ ގުޅިގެން މީހުން ހުސްކުރި ރަށެކެވެ. އެ ރަށް މިހާރު ބޭނުން ކުރަނީ ފުލުހުންގެ ތަމްރީނުތައް ބޭއްވުމަށެވެ.