07 Mar 2018, 13:09
އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބެންގަލޫރު އެފްސީ ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅުމަށް ރާއްޖެ ނައުމަށް އިންޑިއާގެ ސަރުކާރުން ބެންގަލޫރު އެފްސީ ކިބައިން އެދުނު ކަމަށާއި އެހެން ނަމަވެސް އެ މެޗަށް ރާއްޖެ އައި ޓީމަށް ކުރެވުނީ އަމާން ތަޖުރިބާއެއް ކަމަށް އެ ކްލަބުން ބުނެފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ 'ދި އެކޮނޮމިކް ޓައިމްސް'އަށް ބެންގަލޫރު އެފްސީގެ ތަރުޖަމާނު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކޮށްފައި އޮތުމުން އެ ދަނޑިވަޅުގައި ރާއްޖެ ނައުމަށް އިންޑިއާގެ ސަރުކާރުން އެދުނު ނަމަވެސް ޓީމު ރާއްޖެ އައުމަށް ސަރުކާރުން ސީދާ ހުރަސް ނާޅާ ކަމަށެވެ.
"ރާއްޖެ ނުދިއުމަށް އިންޑިއާގެ ސަރުކާރުން ބެންގަލޫރު އެފްސީއަށް އިލްތިމާސް ކުރި. އެހެން ނަމަވެސް ޓީމު ރާއްޖެ ދިޔަނުދީ ހިފަހައްޓަން މަސައްކަތެއް ނުކުރޭ،" ބެންގަލޫރު އެފްސީގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާން ބުނެފައިވެ އެވެ.
ޓީސީއާ ދެކޮޅަށް ރާއްޖޭގައި ކުޅުނު ފުރަތަމަ ލެގު ބެންގަލޫރު އެފްސީން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. ކްލަބުން ބުނެފައި ވަނީ އެ މެޗަށް ރާއްޖެ އާދެވުމަކީ ލިބުނު ވަރަށް ބޮޑު ފައިދާއެއް ކަމަށާއި މެޗަށް އައީ އޭއެފްސީ ކަޕަށް ކޮލިފައިވުމަށް މުހިއްމު މެޗަކަށް ވާތީ ކަމަށެވެ.
"ބޭނުންވީ މެޗުން މޮޅުވާން، އެހެންވެ އައީ، އެކަންވި. ރާއްޖެ ނުދިޔަ ނަމަ މެޗު ގެއްލުނީސް. ރާއްޖޭގެ ކަންތައް އޮތީ އާއްމު ހާލަތުގައި. ގައުމީ ސަލާމަތީ ބާރުތަކުން ބެންގަލޫރު އެފްސީގެ ސަލާމަތީ ކަންކަން ފުރިހަމައަށް ޔަގީންކޮށްދިން،" ތަރުޖަމާނު ބުނެފައިވެ އެވެ.
އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގައި ޓީސީއާއި ބެންގަލޫރު އެފްސީ ރާއްޖޭގައި ކުޅުނު މެޗު އޮތީ މިދިޔަ މަހުގެ 13 ވަނަ ދުވަހުގަ އެވެ. އޭރު ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކޮށްފައި އޮތުމުން، އޭއެފްސީގެ މެޗަކަށް ރާއްޖޭގެ މާހައުލު ތަން ނުދޭ ކަމަށް ބުނެ ބައެއް ސިޔާސީ ބޭފުޅުން ވަނީ މެޗު ކެންސަލް ކުރުމަށް އެދި އޭއެފްސީ އަދި ބެންގަލޫރު އެފްސީއަށް ޓެގްކޮށް ޓުވީޓް ކޮށްފަ އެވެ.
އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ވެރިފައިޑް ޓްވިޓާ އެކައުންޓުގައި އޭއެފްސީގެ އިތުރުން ފީފާ އަދި އިންޑިއާގެ ބެންގަލޫރު އެފްސީ ވެސް މެންޝަންކޮށް ކުރި ޓުވީޓްގައި ވިދާޅުވެފައި ވަނީ ރާއްޖެ އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށާއި މެޗު ފަސްކުރުމަށް ގޮވާލާ ކަމަށެވެ.
މަހުލޫފުގެ ޓުވީޓާ ގުޅިގެން ޓީސީގެ ފަރާތުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
ރާއްޖެއަށް ބެންގަލޫރު އެފްސީ އައީ އޭއެފްސީން ޝެޑިއުލާ އެއްގޮތަށް ރާއްޖޭގައި މެޗު އޮންނާނެ ކަމަށް ބުނުމުންނެވެ. ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށްފައިވަނިކޮށް ވެސް އެ މެޗު ރާއްޖޭގައި ކުޅުމަށް އޭއެފްސީން ނިންމީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން އިންޑިއާގެ ބެންގަލޫރު އެފްސީގެ ސަލާމަތީ ކަންކަމަށް ޔަގީންކަން ދިނުމުންނެވެ.
ޓީސީ އާއި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބެންގަލޫރު މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. ބެންގަލޫރުގައި ކުޅުނު ދެވަނަ ލެގުގައި ޓީސީ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ.