23 Aug 2011, 15:47
ޗެމްޕިއަންސް ލީގު ކޮލިފައިންގެ ދެވަނަ ލެގުގައި އުދިނޭސީ އާއި އާސެނަލް ބައްދަލުކުރާ މެޗުގެ އިތުރުން އިތުރަ މެޗަކަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ޔޫއެފާ އިން ސަސްޕެންޑްކޮށްފި އެވެ.
ޔޫއެފާއިން ވެންގާގެ ސަސްޕެންޝަން އިތުރުކުރީ ފުރަތަމަ ލެގު މެޗުގައި ސަސްޕެންޝަނުގައި ކުޅިބަލަން ހުރެ އާސެނަލްގެ އެސިސްޓެންޓް ކޯޗާއި މުއާމަލާތުކުރުމުންނެވެ.
އާސެނަލްގެ ބެންޗާއި ކޯޗް ވެންގާ މުއާމަލާތުކުރީ ޔޫއެފާގެ އޮފިޝަލެއް ހުއްދަދިނުމުން ކަމަށް ބުނި ނަމަވެސް ޔޫއެފާ އިން ވަނީ ދިހަ ހާސް ޔޫރޯގެ ޖޫރިމަނާއަކާ އެކު ދެމެޗަށް ވެންގާ ސަސްޕެންޑުކޮށްފަ އެވެ. އުދިނޭސީ އާއި އާސެނަލް ބައްދަލު ކުރި ޗެމްޕިއަންސް ލީގު ފުރަތަމަ ލެގު މެޗުގައި ވެންގާވަނީ ކުޅިބަލަންހުރެ އެ ޓީމުގެ އެސިސްޓެންޓް ކޯޗް ބޯރޯ ޕްރިމޮރޮކްއާއި މުޢާމަލާތްކޮށްފަ އެވެ.
"އާސެނަލްގެ ކޯޗުގެ ޒިންމާ އަންނަ ދެ މެޗުގައި ވެސް އަދާނުކުރެވޭ ގޮތަށް ޔޫއެފާ އިން ވާނީ ވެންގާ ސަސްޕެންޑުކޮށްފައި. ވެންގާ ސަސްޕެންޑުކޮށްފައި ވާނީ ޔޫއެފާގެ ގަވާއިދާއި ހިލާފުވުމުން. ގަވާއިދާއި ހިލާފުވުމުން ވެންގާވަނީ ދިހަހާސް ރުފިޔާއަށް ޖޫރިމަނާ ވެސް ކުރެވިފައި." ޔޫއެފާ ނެރުނު ނޫސް ބަޔާނެއްގައިވެ އެވެ.
އާސެނަލްގެ ކޯޗްގެ ފުރަތަމަ ސަސްޕެންޝަނު ފެށިފައި ވަނީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ބައްދަލުކުރި މެޗުގައި ވެންގާގެ އަމަލުތައް ހުރިގޮތުންނެވެ. އާސެނަލްއަށް މޮޅެތި ކުޅުންތެރިންތަކެއް ނުހޯދޭ ޕްރެޝަރުގެ އިތުރުން މިވަނީ އިތުރު ސަސްޕެންޝަނެއްގެ ޕްރެޝަރު ވެސް އިތުރުވެފަ އެވެ.