ރޮބޮޓިކްސްއާ ބެހޭ ގޮތުން ރާއްޖޭގައި ބައިނަލަގްވާމީ ކޮންފަރެންސްއެއް އެވިޑް ކޮލެޖުން ފަށައިފި އެވެ.

އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަސްގައި މިއަދު ހެނދުނު ފެށި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ރޮބޮޓިކްސްއާ ބެހޭ 11 މާހިރުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ޓައިވާން، އެމެރިކާ، އިންޑިއާގެ މާހިރުން ބައިވެރިވެލައްވަ އެވެ.

މިއަދާއި މާދަމާ ކުރިއަށްދާ ކޮންފަރެންސްގައި ޓެކްނޮލޮޖީގެ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެވިޑް ކޮލެޖުން ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ވިދާޅުވި އެވެ.

ރޮބޮޓިކްސްއާ ބެހޭ ގޮތުން އެވިޑް ކޮލެޖުން މިއަދު ރާއްޖެގައި ފެށި ބައިނަލަގްވާމީ ކޮންފަރެންސްގެ ތެރެއިން-- ފޮޓޯ: އެވިޑް ކޮލްޖް

"މިހާރު ވެސް އެބޭފުޅުން އެ ޑިސްކަސްކުރަމުން ދަނީ ޑްރޯންގެ ކަންތައްތަކާ ބެހޭ ގޮތުން ޑްރޯންތައް އުފެއްދުމާ އޭގައިި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން. މިކަހަލަ ޒަރިއްޔާ އިން ކަންކަން މަގުފަހިކުރެވޭނެ ބައިވަރުކަންކަމާ ބެހޭ ގޮތުން ޑިސްކަސް ކުރެވިގެންދޭ،" މުޝްތާގު ވިދާޅުވި އެވެ.

ބައިނަލަގްވާމީ ގޮތުން ކުރިއަރައިފައިވާ އެކި ގައުމުތަކުގައި ތަފާތު އާ އީޖާދުތައް ކުރަމުން އަންނަ އިރު ރާއްޖޭގައި އެފަދަ ކޮންފަރެންސްއެއް ބާއްވައި ހިޔާލު ބަދަލުކުރުމަކީ، ޜާއްޖެ އެފަދަ އީޖާދީ ކަންތައްތަކުގެ ތެރެއަށް ވަދެވިގެންދާނެ ކަމެއް ކަމަށް ވެސް މުޝްތާގު ވިދާޅުވި އެވެ.

މުޝްތާގު ވިދާޅުވީ އެވިޑް ކޮލެޖުން މެލޭޝިއާގެ ޔޫޓީއެމް ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގައި ރޮބޮޓިކް ކްލާސްތަކެއް ވެސް ކުރިއަށް ގެންދިޔުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ ކްލާސްތައް އަމާޒުކުރާނީ ސްކޫލުތަކުގެ ގްރޭޑް 8،9 އަދި 10ގެ ދަރިވަރުންނަށް ކަމަށް ވެސް މުޝްތާގު ވިދާޅުވި އެވެ.