އައްޑު އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅު ހިމެނޭ ގޮތަށް އުފެއްދި ޔުނައިޓެޑް ސުވާދީބް ރިިޕަބްލިކްގެ ރައީސްގެ ގޮތުގައި ހުންނެވި އަބްދުﷲ އަފީފުގެ ދަރިކަލަކު ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ކަމަށް އައްޔަންކޮށްފި އެވެ.

ސީޝެލްސްގެ އިދިކޮޅު ޕާޓީ ލަލްޔަންސް ސެސެލްވާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު އަފީފު އެމަގާމަށް އައްޔަން ކުރީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މިދިޔަ ޖެނުއަރީ މަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.

އޭގެ ސަބަބުން މީގެ ކުރިން މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ނިކޮލަސް ޕްރިއާ ވަނީ މަޖިލީހުގެ ރައީސް ކަމަށް އައްޔަންކޮށްފަ އެވެ.

ސުވާދީބު އެކުލަވާލުމަކީ ބަޣާވާތެއް ކަމަށް ރާއްޖެ އިން ދެކޭތީ، 1963 ވަނަ އަހަރު އެދައުލަތް އުވާލުމުން އަބްދުﷲ އަފީފް ވަނީ އިނގިރޭސިންގެ ހިމާޔަތް ހޯއްދަވައިގެން އާއިލާއާ އެކު ސީޝެލްސްއަށް ވަޑައިގެންފަ އެވެ.

އެއާއިލާގެ މެމްބަރުން ގެންދަވަނީ ސީޝޭލްސްގައި މިހާރު އޮތް ސަރުކާރުގެ ބައެއް އިސް މަގާމުތައް ފުރުއްވަމުންނެވެ. އެގޮތުން އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާސްގެ މަގާމުގައި ހުންނެވީ އަބްދުﷲ އަފީފުގެ ދަރިކަލުން މުހައްމަދު އަފީފެވެ. އަދި އިތުރު ދަރިކަލެއް ކަމަށްވާ އިބްރާހިމް އަފީފް ވަނީ ސީޝެލްސް މީޑިއާ ކޮމިޝަން (އެސްއެމްސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ)ގެ މަގާމަށް މިދިޔަ މަހު އައްޔަންކޮށްފަ އެވެ.