ޗެލްސީގެ ނައިޖީރިއާ މިޑްފީލްޑަރު ޖޯން އޮބި މިކެލްގެ ބައްޕަ މައިކަލް އޮބި ދިރިހުއްޓާ ކިޑްނެޕަރުންގެ ހައްޔަރުން މިނިވަންކޮށްފި އެވެ. މިކެލްގެ ބައްޕަ ކިޑްނެޕްކޮށްގެން ގެންގުޅޭތަން ފުލުހުން ހޯދައި ތުހުމަތުކުރެވޭ މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މިމަހު 12 ވަނަ ދުވަހު މައިކަލް އޮބި ނައިޖީރިއާގެ ސިޓީއެއްކަމަށްވާ ޖޯސްގައި މަސައްކަތުގައި އުޅުމަށް ފަހު ގެއަށް ދިޔަ މަގުމަތީގައި ބަޔަކު ވަނީ ކިޑްނެޕްކޮށްފަ އެވެ. ފުލުހުން ވަނީ ނައިޖީރިޔާގެ ކާނޯ ސިޓީގައި ކިޑްނެޕްކުރި މީހުން ހޯދައި ހައްޔަރުކޮށްފަ އެވެ.

މައިކަލް އޮބި ހެޔޮހާލުގައި ހުރިކަން އަންގައިދިނުމަށް މިކެލްގެ އެޖެންޓްގެ ސްޕޯޓްސް، އެންޓަޓެއިންމަންޓް މީޑިޔާ ގްރޫޕް (އެސްއީއެމް) އިން ވަނީ ބަޔާނެއް ނެރެފަ އެވެ.

"މައިކަލް އޮބި ހެޔޮހާލުގައި ހުރިކަން އުފާލާ އެކު ހާމަކުރަން. މައިކަލް އޮބި މިއަދުވަނީ އޭނާގެ އާއިލާއަށް ގުޅާ އޭނާ ސަލާމަތްވެފައިވާކަން އަންގާފައި. ނައިޖީރިޔާގެ ރައްޔިތުންނަށާއި އާއިލާއަށާއި ރަހްމަތްތެރިންނަށާއި ޗެލްސީ ޓީމަށާއި ސަޕޯޓަރުންގެ އިތުރުން އެޖެންޓުން ދިން އެއްބާރުލުމަށް އޮބި މިކަލް ވަނީ ޝުކުރުއަދާކޮށްފައި." އެސްއީއެމް އިން ނެރުނު ބަޔާނުގައިވެ އެވެ.

މައިކަލް އޮބި ހެޔޮހާލުގައި ހުރިނަމަވެސް އޭނާގެ މޫނުމަތިން ޒަހަމްތަކެއް ފެންނަ ހުރިކަމަށް ބީބީސީގެ ރިޕޯޓަރު ޔޫސުފް އިބްރާހިމް ޔަކަސާއި ބުނެފައިވެ އެވެ. މިކެލްގެ ބައްޕަ ކިޑްނެޕް ކޮށްގެން އުޅުނު ދުވަސްތަކުގައި ޕްރެމިއާ ލީގުގެ ދެ މެޗުގައި ވެސް މިކެލް ބައިވެރިވެފައިވެ އެވެ.