07 Mar 2018, 09:31
ކަލާޒް ޗެނަލް އިން ދައްކާ ޑްރާމާ ސިލްސިލާ 'ސަސުރާލް ސިމަރް ކާ'ގެ ބަތަލާ ދިޕިކާ ކައްކަރް، އިސްލާމް ވެއްޖެ އެވެ.
ދިޕިކާ އިސްލާމް ވެފައި ވަނީ އެ ޑްރާމާގައި އޭނާ އާ އެކު ފެނިގެންދާ އެކްޓަރު، އަދި ލޯބިވެރިޔާ ޝުއައިބް އިބްރާހިމް އާ ކައިވެނި ކުރަން ވެގެންނެވެ.
ދިޕިކާ އާއި ޝުއައިބް ކައިވެނިކޮށްފައި ވަނީ ފެބުރުއަރީ 22 ވަނަ ދުވަހު ބޯޕާލް ގަ އެވެ. ދިޕިކާ އިސްލާމް ވެފައި ވަނީ ކައިވެނީގެ ކުރިންނެވެ. އަދި އިސްލާމް ވުމަށް ފަހު، އޭނާގެ ނަން ވެސް ފާއިޒާ އަށް ބަދަލުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އިސްލާމްވި ކަން ދިޕިކާ ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ. ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ދިޕިކާ ބުނީ، އިސްލާމްވީ މީހަކު ބުނެގެން ނޫން ކަމަށާއި އަމިއްލަ އުފަލާއި ހިތްހަމަ ޖެހުމަށް ކަމަށެވެ.
އަދި އޭނާގެ ނިންމުމަށް އާއިލާ އިން ފުރިހަމަ އެއްބާރުލުން ދިން ކަމަށް ވެސް ދިޕިކާ ބުންޏެވެ.
"ހިތުން ފުރިހަމަ އަށް ކަމެއް ބޭނުން ވުމުން ދެން އެކަން ކުރަން އުނދަގުލެއް ނުވާނެ. އެއީ އަހަރެންގެ އަމިއްލަ ނިންމުމެއް. ވަރަށް އުފާކުރަން އަދި ފަޚުރުވެރިވަން މި ނިންމުމާ ދޭތެރޭ،" އޭނާ ބުނެފައިވެ އެވެ.
އިސްލާމްވި ކަން ކަށަވަރުކޮށް ދިން ނަމަވެސް، ދިޕިކާ ވަނީ އިސްލާމްވި ތާރީޚު ހާމަކުރުމަށް ދެކޮޅު ހަދައިފަ އެވެ. ދިޕިކާ ބުނީ އެއީ ވަރަށް "ޕާސަނަލް" މައުލޫމާތު ކަމަށާއި ދުނިޔެ އާ އެކަން ހިއްސާ ކުރަން ބޭނުން ނުވާ ކަމަށެވެ.
ދިޕިކާ އާއި ޝުއައިބް ކައިވެނިކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ. ދެމީހުން ފުރަތަމަ ދިމާވީ 'ސަސުރާލް ސިމަރް ކާ'ގެ ސެޓުންނެވެ.
ޑާންސް ރިއަލިޓީ ޝޯ 'ނަޗް ބަލިޔޭ' އިން ވެސް ދިޕިކާ އާއި ޝުއައިބް ވަނީ ފެނިގެން ގޮސްފަ އެވެ.