07 Mar 2018, 09:11
ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޕީއެސްޖީއާއި ރެއާލް މެޑްރިޑް ވާދަކުރި ދެ މެޗުވެސް ކާމިޔާބުކުރީ ރެއާލްއިންނެވެ.
އެގްރިގޭޓް 5-2ގެ ނަތީޖާއަކުން ރެއާލްއިން ކުއާޓާގެ ޖާގަ ކަށަވަރުކޮށްފައިވާ އިރު، ޕީއެސްޖީއަށް ދެވަނަ ލެގަށް ނުކުންނަން ޖެހުނީ އެޓީމުގެ ތަރި ނޭމާ ނުލައެވެ.
މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު ލީގު މެޗުގައި ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ސާޖަރީއެއް ހަދައިފައެވެ. ނޭމާގެ ސާޖަރީ ހެދި ބްރެޒިލްގެ ޑޮކްޓަރު ރޮޑްރީގޯ ލާސްމާ ބުނެފައިވަނީ ނޭމާގެ ސާޖަރީން ރިކަވާވުމަށް ތިން މަސް ބޭނުންވާނެ ކަމަށެވެ.
ބޮޑެތި ހަރުދުތަކެއްކޮށް، ޕީއެސްޖީ މިސީޒަނަށް ނުކުތީ ޗެމްޕިއަންސް ލީގު ހޯދުމަށެވެ. އެހެންނަމަވެސް ރެއާލްއާއެކު ކުޅުނު ދެ ލެގުންވެސް ބަލިވެ ޕީއެސްޖީގެ ޗެމްޕިއަންސް ލީގު ދަތުރު ނިމިފައިވާ އިރު، ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ބާސެލޯނާއިން ހޫނު މޫސުމުގެ ޓްރާންސްފާގައި ޕީއެސްޖީއަށް ބަދަލުވި، ނޭމާ ވަނީ ރޭގެ މެޗާ ގުޅިގެން ހާއްސަ މެސެޖެއް އޭނާގެ ފޭސްބުކްގައި ހިއްސާކޮށްފައެވެ.
"ބައްޔާއެކު ޗެމްޕިއަންސް ލީގުން ކެޓުމުން ވަރަށް ހިތްދަތިވޭ. އެންމެ ދެރަވަނީ ޓީމަށް އެހީވުމަށް ދަނޑުމަތީގައި ނުހުރެވުމުން. ކުޅުންތެރިން ދެއްކި ކުޅުމުން އުފާވި. ހިތްވަރަށް ސާބަސް. ޕެރިސް ކުރިއަށް،" ނޭމާގެ މެސެޖުގައި ވެއެވެ.
އަނިޔާގެ ސަބަބުން ނޭމާއަށް ޕީއެސްޖީގެ ސީޒަން ނިމިފައިވާ އިރު، އޭނާ ފިޓްވާނެ ކަމަށް ބެލެވެނީ އަންނަ ޖޫން މަހު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. ރެއާލްގެ ގޯލްތައް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ކަސަމޭރޯއެވެ. ޕީއެސްޖީގެ ގޯލް ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ.