ދިމިޝްގު (މާޗް 7): ރަޝިއާގެ މަތިންދާބޯޓެއް ސީރިއާއަށް ވެއްޓި، ބޯޓުގައި ތިބި އެންމެން މަރުވެއްޖެ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީއާ ހަވާލާދީ ރަޝިއާގެ މީޑިއާތަކުން ބުނި ގޮތުގައި އެންޓޮނޮވް-26 މަރުކާގެ އެބޯޓު ވެއްޓިފައި ވަނީ ސީރިއާގެ ލަޓަކިއާ ޕްރޮވިންސުގައި ހުންނަ ރަޝިއާގެ ޚުމައިމިމް ވައިގެ މަރުކަޒަށެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ރަންވޭ އާ 500 މީޓަރު ދުރުގައި އޮއްވާ ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލަތަކުގެ ސަބަބުންނެވެ. އަދި ބޯޓު ވެއްޓުނީ ހަމަލާއެއްގެ ސަބަބުން ނޫން ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެބޯޓުގައި ތިބި 33 ފަސިންޖަރުންނާއި ހަ ކުރޫ މެމްބަރުންނަކީ ވެސް ރަޝިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުން ކަމަށް އެގައުމުގެ މީޑިއާތަކުން ބުންޏެވެ. އަދި އެގައުމުން ވަނީ ބޯޓު ވެއްޓުނު ސަބަބު ތަހުގީގު ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

އެއީ މިއަހަރު ރަޝިއާގެ ބޯޓެއް ސީރިއާއަށް ވެއްޓުނު ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ މަހު އިދްލިބް ޕްރޮވިންސުގައި ރަޝިއާގެ ބޯޓަކަށް ދިން ހަމަލާއެއްގެ ސަބަބުން ބޯޓު ވެއްޓި، އޭގެ ޕައިލެޓް ވަނީ މަރުވެފަ އެވެ.

ރަޝިއާ އިން ސީރިއާ ސަރުކާރާ ގުޅިގެން އެގައުމަށް ވައިގެ ހަމަލާތައް ދޭން ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، މިދިޔަ ޑިސެމްބަރު މަހު ރައީސް ވްލަޑިމިއާ ޕުޓިން ވަނީ ސީރިއާގައި ތިބި ގިނަ އަދަދެއްގެ ސިފައިން އެނބުރި ގައުމަށް ދިއުމަށް އަމުރުކުރައްވައިފަ އެވެ. (ބީބީސީ)