ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ބަލިކޮށް، ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ފްރާންސްގެ ޕެރިހުގައި ރޭ ކުޅުނު ދެވަނަ ލެގު މެޗުގައި ޕީއެސްޖީގެ މައްޗަށް ރެއާލުން ކުރި ހޯދާފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކުރިން ސްޕެއިންގެ މެޑްރިޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވެފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ. ރެއާލުން ކުއާޓާގެ ޖާގައެއް ހޯދީ 5-2ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ފުރަތަމަ ދިހަ މިނެޓަށް ފަހު ރަށުން ބޭރުގައި ކުޅެމުންދިޔަ ރެއާލުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ. ނަތީޖާއެއްގެ ގޮތުން ރެއާލުން ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. އެގޮތުން ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި، ސާޖިއޯ ރާމޯސް އަދި ކަރިމް ބެންޒެމާއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން ރާމޯސްއާއި ބެންޒެމާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޕީއެސްޖީގެ ކީޕަރު އަލްފޮންސޭ އަރެއޯލާއެވެ.

ލަނޑު ޖެހުމަށް ފަހު އަސެންސިއޯއާއެކު ރޮނާލްޑޯ އުފާފާޅުކުރަނީ: ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގު މެޗުން ރެއާލް މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ޕީއެސްޖީއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕީއެސްޖީގެ އެންޖެލް ޑި މަރީއާއާއި ކީލިއާން އެމްބާޕޭ ފޮނުވާލި ހަމަލާ، ރެއާލްގެ ކީޕަރު ކޭލާ ނަވާސް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓުތެރޭ ރެއާލުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ލޫކަސް ވަޒްކޭޒް ނަގައިދިން ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ތަރި ރޮނާލްޑޯއެވެ. އޭނާ ވަނީ ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވަރަށް ރީތިކޮށް ބޮލުން ޖަހައި ގޯލުގެ ތެރެއަށް އެ ބޯޅަ ފޮނުވާލައިފައެވެ.

އެ ލަނޑަށް ފަހު ވެސް ރެއާލުން ވަނީ ޕީއެސްޖީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި މާކޯ އަސެންސިއޯއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މާސެލޯ ނަގައިދިން ހުރަހަކުން ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ތެރެއިން އަސެންސިއޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 66 ވަނަ މިނެޓުގައި މާކޯ ވެރާޓީއަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތް ކާޑަށްފަހު ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ޕީއެސްޖީން ވަނީ މެޗުގެ 71 ވަނަ މިނެޓުގައި ލަނޑެއްޖަހައި އުންމީދު އާކޮށްފައެވެ. ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ އުރުގުއާއީ ފޯވަޑް އެޑިންސަން ކަވާނީއެވެ. ހާވިއާ ޕަސްތޯރޭ ފޮނުވާލި ހަމަލާއެއް ރެއާލްގެ ޑިފެންޑަރުން ފައިގައި ޖެހުމަށް ފަހު، އެ ބޯޅަ އެންމެ ފަހުން ގޯލުގެ ތެރެއަށް ވަދެފައިވަނީ ޕެނަލްޓީ އޭރިއާ ތެރޭ ހުރި ކަވާނީގެ ފައިގައި ޖެހިފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ރެއާލްއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ ލަނޑަށް ފަހު ފެނިގެންދިޔައީ ހަމަޖެހިލައިގެން ކުޅެމުންދިޔަ ރެއާލުން އަނެއްކާވެސް ޕީއެސްޖީގެ ގޯލަށް ނުރައްކާކުރަން ފެށި ތަނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 80 ވަނަ މިނެޓުގައި ރެއާލުން ވަނީ އަލުން ލީޑު ހޯދައިފައެވެ. ރޮނާލްޑޯ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކަސެމީރޯ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޕީއެސްޖީގެ ޑިފެންޑަރު މާކުއިނިއޯސްގެ ފައިގައި ޖެހިފައެވެ.

ރޭ ކުޅުނު ގަދަ 16ގެ އަނެއް މެޗުގައި ބައްދަލުކުރީ ލިވަޕޫލާއި ޕޯޓޯއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ލިވަޕޫލަށް ކުއާޓާގެ ޖާގައެއް ލިބުނީ ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގު މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވުމުންނެވެ.

މާދަމާ ވެސް ގަދަ 16ގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ޔުވެންޓަސް ނުކުންނަ އިރު، އަމިއްލަ ދަނޑުގައި ބާސެލްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުންނާނެއެވެ. އެ ދެ މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 12:45ގައެވެ.