23 Aug 2011, 15:40
އިއްޔެގެ ވަގުތެއްގައި ޗެލްސީގެ މެޑިކަލް ޓެސްޓުގައި ބައިވެރިވެ ވެލެންސިޔާ އަށް މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ޒުވާން މިޑްފީލްޑަރު ހުއާން މަޓާ ޗެލްސީއަށް ކުޅުމަށް އެއްބަސްވެ އެކުލަބަކީ އާސެނަލާއި ޓޮޓެންހަމް އަށް ވުރެ ވަރުގަދަ ޓީމެއް ކަމަށް ބުނެފި އެވެ.
މީގެ ކުރިން އާސެނަލްއިން އާއި ޓޮޓެންހަމް އިން ހޯދުމަށް މަސައްކަތް ކުރި މަޓާ ޗެލްސީ އާއި ގުޅިފައި ވަނީ 26 މިލިޔަން ޕައުންޑަށެވެ. މަޓާ ހޯދުމަށް ކުރިން މަސައްކަތްކޮށްފައިވާ ޗެލްސީގެ ވާދަވެރިންނަކީ އެ ޓީމަށް ވުރެ ދަށް ފެންވަރެއްގެ ބައެއް ކަމަށް ވަރަށް ޔަގީންކަމާ އެކު އޭނާ ބުނެފައިވެ އެވެ.
"އަހަރެން އިނގިރޭސި ވިލާތަށް އައީ ކާމިޔާބު ހޯދުމަށް. އެހެންވެ ޗެލްސީގެ ހުށަހެޅުމަށް އެއްބަސްވީ ވެސް. އާސެނަލްއާއި ޓޮޓެންހަމް އާއި ވެސް އަހަރެން ހޯދުމަށް މަސައްކަތްކުރި. އެކަމަކު އެމީހުންނަކީ ޗެލްސީއަށް ވުރެ ދަށް ފެންވަރެއްގެ ބައެއް. ޗެލްސީއާ އެކު ލީގު ހޯދުމަށް އަހަރެން ވަރަށް ބޭނުން. އެކަން މިކުލަބަށް މިސީޒަނުގައި ވާނެ." މަޓާ ބުންޏެވެ.
ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ އަނެއް ކުޅުންތެރިޔާ ކަމަށްވާ ފެނާންޑޯ ޓޮރޭސްއަކީ މަޓާ އެކުލަބަށް ގެންދިއުމަށް އިސްދައުރެއް އަދާކުރި މީހެއްކަމަށް މަޓާ ބުނެފައިވެ އެވެ. ޗެލްސީގެ ކޯޗް ވިލްސް ބޮއަސް މަޓާ ބޭނުންކުރާނީ ޓޮރޭސްއަށް އެހީތެރިވެދިނުމަށް ކަމަށް ބެލެވެ އެވެ.
"ޓޮރޭސްގެ ބަސްތަކުން އަހަރެންނަށް ޗެލްސީއާ ގުޅުމުގެ ޝައުގު އުފެދުނު. ކޯޗް ވިލަސް ބޮއަސްއާ ވާހަކަ ދެކެވުމުން ޗެލްސީއާ ގުޅުމަށް މުޅިން އެއްބަސްވެވުނީ. ކޯޗު ވަނީ ޗެލްސީގައި ކުޅޭ 3-3-4ގައި އަހަރެން ބޭނުންކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައި. ލަމްޕާޑް ކަހަލަ މޮޅު ކުޅުންތެރިޔަކާ އެކު މެދުތެރޭގައި ޚަރަކާތްތެރިވެވޭތީ ވަރަށް އުފާކުރަން." މަޓާ ބުންޏެވެ.
މަޓާވަނީ 2003-2006 ވަނަ އަހަރާއި ހަމައަށް ރެއާލް މެޑްރިޑްގެ ޒުވާން ޓީމަށް ކުޅުމަށް ފަހު އެކުލަބުގެ ސީނާއާ ޓީމުގެ ބީ ޓީމުގައި ހިމެނި ދިހަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ރެއާލް މެޑްރިޑުން ވެލެންސިޔާއަށް 2007 ވަނަ އަހަރު ބަދަލުވެ އުމުރުން 23 އަހަރުގެ މަޓާ ވަނީ ކުޅުނު 129 މެޗުން 33 ލަނޑު ކާމިޔާބުކޮށްފަ އެވެ. ސްޕެއިންގެ ގައުމީ ޓީމުގެ ސީނިއާ ޓީމުގައި ވެސް މިހާރު ހިމެނޭ މަޓާ ވަނީ ގައުމީ ޓީމުގެ ސޯޅަ އަހަރުން ދަށުގެ ޓީމަށާއި، ސަތާރަ އަހަރުން ދަށުގެ ޓީމަށާއި ނަވާރަ އަހަރުން ދަށުގެ ޓީމަށާއި ވިހި އަހަރުން ދަށުގެ ޓީމުގެ އިތުރުން އެކާވީސް އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ. މީގެ އިތުރުން ނިމިގެންދިޔަ 21 އަހަރުންދަށުގެ ވޯލްޑްކަޕްގައި މަޓާވަނީ ބްރޮންޒް ބޫޓާއި އެންމެ ގިނަ ގޯލް ކާމިޔާބުކޮށް ދިނުމަށް އެހީތެރިވި ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފަ އެވެ.