07 Mar 2018, 00:31
ދިވެހި ރާއްޖޭގެ މިނިވަންކަމަށް ޖެހިފައިވާ ދަތުރެކޭ އިރުވައި މޫސުމުގެ ފުޅަނގިތަގަކަށް ޖެހޭ ދަތުރެކޭ އެއްގޮތް ކަމަށް ދާޚިލީ ވަޒީރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ގައުމިއްޔަތު އާލާކޮށް ދިރުވުމުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ، ގައުމިއްޔަތު ބިނާވެގެން ވަނީ ހަތަރު ބަހާއެއްގެ މައްޗަށް ކަމަށެވެ.
އެ ހަތަރު ބަހާއަކީ އިސްލާމް ދީނާއި މާދަރީ ބަސް ކަމުގައިވާ ދިވެހި ބަހާއި ތާރީޚާ ޘަގާފަތުގެ އިތުރުން ރާއްޖޭގެ މިނިވަންކަން ކަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ހަތަރު ބަހާއަށް ރައްކާތެރިވުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށް ވެސް ކޮންމެހެން ލާޒިމް ކަމެއް ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.
ހަތަރު ބަހާގެ ތެރެއިން ރާއްޖޭގެ މިނިވަންކަމަށް ޖެހިފައިވަނީ ހިތާމަވެރި ދަތުރެއް ކަމަށް އަޒްލީން ސިފަކުރެއްވިއެވެ. އަދި އެ ހާލަތަކީ ގަބޫލުކުރަން ޖެހޭ ލަދުވެތި ހަގީގަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހިތާމަޔާއި ހިތްދަތިކަމާއެކު ދަންނަވަން ޖެހެނީ، ރާއްޖޭގެ މިނިވަންކަމަށް ޖެހިފައިވާ ދަތުރެކޭ އިރުވައި މޫސުމުގެ ފުޅަނތްގަކަށް ޖެހޭ ދަތުރެކޭ ހަމަ އެއް ގޮތޭ. މައްޗަށް އަރައިފިއްޔާ ހޯރަ. އަޑިއަށް ހިނގައްޖިއްޔާ ހިބަރު. ރާއްޖޭގެ މިނިވަންކަމަށް ވެސް މިވަނީ ހަމަ މިކަހަލަ ގޮތެއް. އެއްފަހަރު ގައުމުގެ އެތެރެއިން ހަމަލާ. އަނެއްބައި ފަހަރު ގައުމުގެ ބޭރުން ހަމަލާ ދޭނެ،" އަޒްލީން ވިދާޅުވިއެވެ.
ރާއްޖޭގެ އެތެރޭގައި ޖެހޭ މައްސަލަތަކަށް ދިވެހިން ހައްލު ހޯދުމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށް ވެސް ދާޚިލީ ވަޒީރު ވިދާޅުވިއެވެ. އެފަދަ ހާލަތްތަކުގައި ބޭރުގެ އެހީތެރިކަމަށް އެދިއްޖެ ނަމަ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް އިސާހިތަކު ގެއްލިގެން ހިނގައިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހި ރާއްޖެ މިނިވަންކަން މަތީ އިސްލާމް ދީނުގެ ހިދާޔަތުގައި ދިވެހި އުސޫލުތަކާ ސަގާފަތާއި އާދަކާދަތަކާ އެކު ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް މިގައުމު ގެނެސްދީފައިމިވަނީ މިގައުމަށް އަޅުގަނޑުމެން ހިތުހުރި ގޮތެއް ހަދައި އަމިއްލަ މަންފާއެއް ހޯދުމުގެ މަގުސަދަގައި ގައުމާއި ދީން އެހެން ބަޔަކާ ހަވާލުކުރާކަށް ނޫން،" އަޒްލީން ވިދާޅުވިއެވެ.
ކާބަފައިން މި ގައުމު ގެނެސްދީފައިވާ ގޮތަށް، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއި ރައްކާތެރިކަމާއި އެކު ގެންގޮސް ދޭން ޖެހޭނެ ކަމަށް ދާޚިލީ ވަޒީރު އަޒްލީން ވިދާޅުވިއެވެ.
ރާއްޖެއާ މެދު ބޭރުގެ ގައުމުތަކުން ހަސަދަވެރިވަނީ މި ގައުމުކީ 100 ޕަސެންޓް މުސްލިމް، އިސްލާމީ ގައުމަކަށް ވުމުން ކަމަށް ފާހަގަކޮށް ދާޚިލީ ވަޒީރު އަޒްލީން ވިދާޅުވީ، ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކަށް ދިމާވެފައިވާ ހިތްދަތި ހިތާމަވެރި ހާލަތުން އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށެވެ.