ސްރީލަންކާގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާތީ، އެގައުމުގެ ކެންޑީ ޑިސްޓްރިކްޓުގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ސަމާލުވުމަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފިއެވެ.

ސްރީލަންކާގައި ބުދިސްޓުންނާއި މުސްލިމުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ، އެގައުމުގެ ކެންޑީގައި ދިރިއުޅެމުންދާ ދިވެހީން ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނުކުތުމަށް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނީ ކެންޑީގައި ދިރިއުޅޭ އަދި އެތަނުގައި ތިބި ދިވެހި ރައްޔިތުން ވަރަށް މުހިންމު ހާލަތްތަކުގައި މެނުވީ ގޭގެއިން ނުނުކުމެ ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސްރީލަންކާގެ ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތްތަކުގެ އެންގެވުމާއި ނަސޭހަތްތަކަށް ސަމާލުވެވަޑައިގެން، އެއާ އެއްގޮތަށް އަމަލުކުރެއްވުމަށް ސްރީލަންކާގައި ތިއްބެވި އެންމެހާ ލޮބުވެތި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން،" ދިވެހި އެމްބަސީގެ އިލްތިމާސްގައި ބުނެފައިވެއެވެ.

ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ގައުމެވެ. ލަފާކުރެވޭ ގޮތުގައި އެގައުމުގައި 15،000 އެއްހާ ދިވެހީން ދިރިއުޅެމުންދެއެވެ.

ކެންޑީ ޑިސްޓްރިކްޓުގައި ހަމަނުޖެހުންތައް ހިނގަން ފެށީ މިދިޔަ މަހުގެ ފަހުކޮޅު ތެލްދޭނިޔާ ކިޔާ ޓައުނެއްގައި ސިންހަލަ ނަސްލުގެ ބުދިސްޓަކަށް މުސްލިމުން ކަމަށް ބެލެވޭ ބަޔަކު ހަމަލާ ދިން ކަމަށް ބުނާ ހާދިސާއަކަށްފަހުއެވެ. އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ އިރު، އެމީހާއަށް ކެންޑީ ޓީޗިންގް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

އެ ހާދިސާއާ ގުޅިގެން ކެންޑީގައި ބުދިސްޓުން ދިޔައީ މުސްލިމުންނާ ދެކޮޅަށް ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން، ތެލްދޭނިޔާގައި މުސްލިމު ވިޔަފާރިވެރިންގެ ފިހާރަތަކުގައި ހުޅުޖަހައި ގެއްލުންދީ ހެދިއެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ 24 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އެ ހާދިސާތަކާ ގުޅިގެން ލަންކާގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާ ބުދިސްޓުންނާ ދެމެދު ހަމަނުޖެހުން ހިނގަމުންދާ އިރު، ލަންކާ ސަރުކާރުން މިއަދު ކުއްލި ގޮތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިއެވެ.

މީގެ އިތުރުން ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އިއްޔެ ވަނީ ކެންޑީގައި ހިނގަމުންދާ ކަންކަމަށް މިނިވަން ތަހުގީގެއް ހިންގުމަށް އަމުރުކުރައްވައިފައެވެ.