އެސްއޯގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ، އަދި މިހާރު ފުލުހުންގެ އިންޕެކްޓަރެއްގެ މަގާމުގައި ހުރި ގއ. ގެމަނަފުށީ އިރުމަތީގޭ އަބްދުﷲ އިބްރާހިމް (ޑީޑީ) ހައްޔަރުކޮށްފި ކަމަށް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ޑީޑީ އޭނާގެ ރަށުގައި ހުއްޓައި، މާލެ އައިސް ފުލުހުންގެ ހެޑް ކުއާޓަރަށް ރިޕޯޓް ކުރުމަށް އަންގާފައި ވަނިކޮށް، މިއަދު ހަވީރު އޭނާ ގެމަނަފުށިން މާލެއައިސް ވެލާނާ އިންޓަނޭޝަނަލް ހުއްޓައި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެކަމާ ގުޅޭގޮތުން، ފުލުހުން އޭރު އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ޑީޑީ ހައްޔަރުކުރިކަމަށް މީޑިއާގައި މިއަދު ޚަބަރު ފެތުރުމުން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން މިރޭ ވިދާޅުވީ، "އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް ހައްޔަރުކުރި ކަމަށް ބުނެ މީޑިއާގައި ދައުރުވާ ޚަބަރަކީ ދޮގު ޚަބަރެއް" ކަމަށެވެ.

"ފުލުހުންގެ އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް، ފުލުހުންގެ މަރުކަޒަށް ގެނައީ ފުލުހުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް. ފުލުހުން އިންސްޕެކްޓަރު އަބްދުﷲ އިބްރާހިމް ހައްޔަރުކޮށްފައެއް ނުވާނެ،" ޝިފާން ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ވަނީ، ޑީޑީގެ ފޯނު ހިިފަހައްޓާފައެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމުގައި އެކުލަވާލެވުނު ޓީމުގައި އެސްއޯގެ ކޮމާންޑަރެއްގެ ގޮތުން ހަމަޖައްސާފައިވަނީ ޑީޑީއެވެ.

ޑީޑީއަކީ މީގެ ކުރިން ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ)ގެ ތެރޭގައި އޮންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް)ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފްއާ ގާތް މީހެއް ކަމަށް އެނގިފައިވެއެވެ.

ސައިފް އާއި އިތުރު ފުލުހަކުވެސް ވަނީ މީގެކުރިން ހައްޔަރުކޮށްފައެވެ. އެ ދެ މީހުން ހައްޔަރު ކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ސައިފްވެސް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.