06 Mar 2018, 20:19
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމު ހުސްވެފައިވާތީ، އެކުންފުނި ހިންގުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމާ ހަވާލުކުރުމަށް ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައި މިއަދާ ހަމައަށް ހުންނެވީ އަހްމަދު ޝަރީފެވެ.
އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އަހްމަދު ޝަރީފް މިއަދު ވަނީ ހަމަޖައްސާފައެވެ. އެއާ އެކު ޝަރީފް ވަނީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖެހެންދެން، ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނަވާނީ އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ކަމުގައި، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ ގަރާރަކުން މިއަދު ނިންމާފައިވާ ކަމަށެވެ.
އިބްރާހިމް އަބްދުލްރައްޒާގު ހަލީމަކީ މީގެ ކުރިން އެމްޓީސީސީގެ ސީއީއޯކަމާއި އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.