23 Aug 2011, 15:36
އެތްލެޓިކޯ މެޑްރިޑްގައި ފޯލާން ހުރީ އުފަލުގައި ކަމަށްބުނެ އިންޓަމިލާނުން ކުރިން ހުށަހެޅުމެއް ލިބިފައިވީ ނަމަވެސް ކުލަބާ އެކު މިސީޒަނުގައި މަޑުކުރާނެކަމަށް ފޯލާން ބުނެފި އެވެ. ވިޔަރެއާލްއިން 2007 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެ އުރުގުއޭ ތަރި ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
އިންޓަމިލާނުން މިސީޒަނަށް ހޯދުމަށް މަސައްކަތްކުރަމުންދާ 32 އަހަރުގެ ފޯލާނަށް އަގެއް ހުށަހަޅާފައިވާ ކަމަށް ދާދިފަހުން ރިޕޯޓްތައް އާންމުވެފައިވީ ނަމަވެސް އޭނާގެ އެޖެންޓް އެރިޕޯޓް އާންމުވިތާ މާގިނައިރުތަކެއް ނުވަނީސް އެކަން ވަނީ ދޮގުކޮށްފަ އެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމާއި ގޯލްޑަން ބޫޓު ހޯދި އުރުގުއޭ ތަރި ފޯލާނާއި އެތުލެޓިކޯ މެޑްރިޑާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްއިރު އޭނާ ބުނަމުންދަނީ ކުލަބަށް އިޚްތިރާމުކޮށް ޓީމުގައި އަދި މަޑުކުރަން ބޭނުންކަމަށެވެ.
"ކުލަބުގައި މިހިރީ އުފަލާ އެކު. މިއަދު އަހަރެންނާއި ކުލަބާއި ދެމެދު ކޮންޓްރެކްޓެއް އެބައޮތް. ބާކީ ދެ އަހަރު ކޮންޓްރެކްޓުގައި އެބައޮތް. ކުލަބަށް އަހަރެން އިޚްތިރާމްކުރަން." ފޯލާން ބުންޏެވެ.
އިންޓަމިލާނުން އެއްވެސް ހުށަހެޅުމެއް ލިބިފައިވޭތޯ އެހުމުން ފޯލާން ވަނީ އެއްވެސް ވަރުގަދަ ހުށަހެޅުމެއް ލިބިފައިނުވާކަމަށް ބުނެފަ އެވެ.
"އިންޓަމިލާނުން އެއްވެސް ވަރުގަދަ ހުށަހެޅުމެއް ނުލިބޭ. އިންޓަމިލާނަކީ ޔޫރަޕްގެ އަދި ދުނިޔޭގެ ބޮޑު ކުލަބެއް. ދެ އަހަރުގެ ކޮންޓްރެކްޓެއް ކުލަބާ އެއްކޮށް އެބައޮތް. އެހެންކަމުން އެކަހަލަ ކަމަކާއި ވިސްނާނެ ޚިޔާލެއް ނެތް." ފޯލާން ބުންޏެވެ.
މީގެ ހަފްތާއެއް ކުރިން ފޯލާން ބުނެފައިވާ ގޮތުގައި އިންޓަމިލާނަށް ބަދަލުވެވިއްޖެ ނަމަ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވެގެންދާނެ ކަމަށެވެ.
"އިންޓަމިލާނުން އަހަރެންނަށް ހުށަހެޅުމެއް ލިބިފައިވޭ. އެކްލަބާ ގުޅިއްޖެ ނަމަ އަހަރެންގެ ހުވަފެނެއް ހަގީގަތަކަށް ވެގެންދާނެ. ތުރުކީ ކްލަބް ގަލަތަސަރާއީ ފިޔަވައި އެގައުމުގެ އެހެން ކުލަބަކުން ހުށަހެޅުމެއް ލިބިފައެއް ނުވޭ." މީގެ ހަފްތާއެއް ކުރިން ފޯލާން ބުންޏެވެ.
އެތުލެޓީކޯ މެޑްރިޑް ދޫކޮށް މިސީޒަނުގައި އެކުލަބުގެ އާޖެންޓީނާ ފޯވާޑް މެންސިޓީއަށް ސޮއިކޮށްފައިވާ އިރު، އެމަގާމު ފޫބެއްދުމަށް ޕޯޓޯގެ ކޮލަމްބިއާ ފޯވާޑް ފަލްކާއޯ އެތްލެޓީކޯ މެޑްރިޑަށް ވަނީ ގެނެސްފަ އެވެ.