06 Mar 2018, 18:55
މީގެ 22 އަހަރު ކުރިން އެމްޑަބްލިއުއެސްސީ ވުޖޫދަށް އައީ މާލޭގެ 60،000 މީހުންގެ އާބާދީއަށް ފެނުގެ ޚިދުމަތް ދިނުމަށެވެ. 60 މުވައްޒަފުންނާއެކު ފެށި މި ޙިދުމަތަށް 23 އަހަރުވާން ކައިރިވެފައި ވާއިރު ކުންފުނި ތަރައްގީވެ، ޚިދުމަތްތައް ވަނީ ފުޅާކޮށްފައެވެ.
އެމްޑަބްލިއުއެސްސީން އަންނަނީ މާލެ ފިޔަވައި އިތުރު ރަށްރަށުގައިވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މީގެތެރޭގައި ކ. މާފުށި، ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރު ހިމެނެއެވެ.
ކުންފުނީގެ މަސައްކަތްތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފައްތައިގެން ކުރިއަށް ގެންދިޔުމަށްޓަކައި "އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ" ސްޓޭންޑާޑް ތައާރަފުކުރެވި، ދަނީ ދަމަހައްޓަމުނެވެ. ކުންފުނީގެ ފެން ތަހުލީލު ކުރާ ލެބޯރެޓަރީގެ ޚިދުމަތް އައިއެސްއޯ މިންގަނޑުތަކަށް ފައްތާފައިވާއިރު އެ މިންގަނޑުވެސް ދަނީ ދަމަހައްޓަމުނެވެ.
އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭ ޚިދުމަތްތައް ވަކި މިންގަނޑެއްގައި ހިފަހައްޓައި، ދެމެހެއްޓުމަށްޓަކައި އައިއެސްއޯ 2015-9001 މެނޭޖްމަންޓް ސިސްޓަމް 2017 ވަނަ އަހަރުގެ ތެރޭގައި ވަނީ ހާސިލްކޮށްފައެވެ.

ކޮލެޓީ އެންމެ ރަނގަޅު ކުންފުނިތަކަށްދޭ ދެ ސެޓްފިކެޓް އެމްޑަބްލިއުއެސްސީއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްޑަބްލިއުއެސްސީ
ކުންފުނިން ދޭ ޚިދުމަތް އިތުރަށް ޔަގީންކުރުމުގެ ގޮތުން އައިއެސްއޯ 22000:2005 އާއި HACCP ސެޓްފިކެޓް މިއަހަރު ވަނީ ހާސިލުކޮށްފައެވެ. އައިއެސްއޯ 22000:2005 އަދި އެޗްއޭސީސީޕީ ސެޓްފިކެޓް ހާސިލުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގެ އުފެއްދުންތަކުގެ ފެންފަރު އެއްހަމައެއް ގާއިމުކޮށް، ފެކްޓްރީއިން އުފައްދާ ފުޅީގައި ބަންދުކުރި ފެނަކީ ދުނިޔޭގެ ފެންވަރުގެ ބެސްޓު ޕްރެކްޓިސަސް ބޭނުންކޮޮށްގެން (ހަމަޖެހިފައިވާ ހާއްސަ އުސޫލެއްގެ ދަށުން) ރައްކާތެރިކަމާއެކު އުފެއްދޭ، އުފެއްދުންތަކެއްކަމުގެ ޔަގީންކަން ދެމެހެއްޓުމެވެ.
އެމްޑަބްލިއުއެސްސީއަށް ހާސިލްވެގެން ދިޔަ އައިއެސްއޯ 22000:2005 އަދި އެޗްއޭސީސީޕީ ސްޓޭންޑަޑްތަކަކީ ކާބޯތަކެތި އުފެއްދުމަށް ހާއްސަ ސްޓޭންޑަޑްތަކެކެވެ. އަދި މި ދެ ސެޓްފިކެޓްއަކީ އެމްޑަބްލިޔުއެސްސީން ފުޅީގައި ފެންބަންދުކުރާ ކާރުޙާނާއައް ހާސިލުވެގެންދިޔަ މުހިންމު ލަނޑުދަނޑިއެކެވެ.
އެމްޑަބްލިޔުއެސްސީން ފުޅީގައި ފެން ބަންދުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހުޅުމާލޭގައި ގަޑިއަކު 12,000 ފުޅި އުފެއްދޭ، ޒަމާނީ ފެންވަރުގެ ފުޅި ބަންދުކުރާ ދެވަނަ ބޮޓްލިންގް ލައިނެއް ގެނައުމުގެ އަންނަނީ ކުރަމުންނެވެ. އަދި ހދ. ކުޅުދުއްފުއްޓާއި، ރ. ދުވާފަރުގައި ފުޅީގައި ފެން ބަންދުކުރުމުގެ ޕްރޮޑަކްޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފެށި، އެމަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ކުންފުނިން އުފައްދާ ޕައިޕް ބައިނަލްއަޤުވާމީ މިންގަޑަށް ފެއްތުމައްޓަކައި KIWA ޕައިޕް ސެޓްފިކޭޝަން ހާސިލުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެކުންފުނީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި، ކުންފުނީގެ ހިދުމަތްތައް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.