06 Mar 2018, 16:59
ސްރީލަންކާގައި ބުދިސްޓުންނާއި މުސްލިމުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ، އެގައުމުގައި ދިރިއުޅޭ ދިވެހީންނަށް ދޭންވީ އިރުޝާދަކާ މެދު ލަންކާ ސަރުކާރުގައި ލަފަޔަކަށް އެދިފައިވާ ކަމަށް އެގައުމުގައި ހުންނަވާ ދިވެހި ސަފީރު ވިދާޅުވެއްޖެއެވެ.
ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ގައުމެވެ. ލަފާކުރެވޭ ގޮތުގައި އެގައުމުގައި 15،000 އެއްހާ ދިވެހީން ދިރިއުޅެމުން ދެއެވެ.
ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) "ސަން"އަށް ވިދާޅުވީ، ލަންކާގައި ކުއްލި ހާލަތު އިއުލާނުކުރުމާ ގުޅިގެން ދިވެހީންނަށް ދޭންވީ އިރުޝާދާ ގުޅޭގޮތުން ލަފައަކަށް ލަންކާ ސަރުކާރުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
މުންދު ވިދާޅުވީ ލަންކާ ސަރުކާރުގައި އެދުނީ ދިވެހީން މިވަގުތު ސަމާލުވާންވީ ކަންކަމާއި، ކުއްލި ހާލަތާ އެކު އަންނަ ރެސްޓްރިކްޝަންތަކާ ގުޅޭ މައުލޫމާތުތަކާ ބެހޭގޮތުންނެވެ.
"އަޅުގަނޑުމެން މި އުޅެނީ ދަންނަވައިގެން. މިކޮޅުގެ ފޮރިން މިނިސްޓްރީން މިހާތަނަށް ނެތް ވެބްސައިޓުގައި މައުލޫމާތު ޝާއިއުކޮށްފައެއް،" މުންދު ވިދާޅުވިއެވެ.
ލަންކާގައި ދިވެހީން އެންމެ ގިނައިން އުޅެނީ ކޮލޮމްބޯގައެވެ. އެހެން ނަމަވެސް ހަމަނުޖެހުންތައް އެންމެ ބޮޑަށް ހިނގަމުން ދަނީ ކެންޑީގައެވެ.
"ކާފިއު އިއުލާނުކޮށްފައި ވަނީ ކެންޑީގައި. ބައެއް ދިވެހީން އެކޮޅުގައި އެބަ އުޅޭ. އެކަމަކު އެއްވެސް ދިވެއްސަކަށް ކަމެއް ދިމާވިކަމުގެ މައުލޫމާތެއް މިހާތަނަށް ނުލިބޭ. ލަންކާގެ އެހެނިހެން ސަރަހައްދުތައް ވަރަށް އަމާން،" ސަފީރު މުންދު "ސަން"އަށް ވިދާޅުވިއެވެ.
ކެންޑީ ޑިސްޓްރިކްޓުގައި ހަމަނުޖެހުންތައް ހިނގަން ފެށީ މިދިޔަ މަހުގެ ފަހުކޮޅު ތެލްދޭނިޔާ ކިޔާ ޓައުނެއްގައި ސިންހަލަ ނަސްލުގެ ބުދިސްޓަކަށް މުސްލިމުންކަމަށް ބެލެވޭ ބަޔަކު ހަމަލާ ދިންކަމަށް ބުނާ ހާދިސާއަކަށްފަހުއެވެ. އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ އިރު، އެމީހާއަށް ކެންޑީ ޓީޗިންގް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.
އެ ހާދިސާއާ ގުޅިގެން ކެންޑީގައި ބުދިސްޓުން ދިޔައީ މުސްލިމުންނާ ދެކޮޅަށް ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން، ތެލްދޭނިޔާގައި މުސްލިމު ވިޔަފާރިވެރިންގެ ފިހާރަތަކުގައި ހުޅުޖަހައި ގެއްލުންދީ ހެދިއެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ 24 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
މި ހާދިސާތަކާ ގުޅިގެން ލަންކާގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާ ބުދިސްޓުންނާ ދެމެދު ހަމަނުޖެހުން ހިނގަމުން ދާ އިރު، ލަންކާ ސަރުކާރުން މިއަދު ކުއްލި ގޮތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިއެވެ.
މީގެ އިތުރުން ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އިއްޔެ ވަނީ ކެންޑީގައި ހިނގަމުންދާ ކަންކަމަށް މިނިވަން ތަހުގީގެއް ހިންގުމަށް އަމުރުކުރައްވައިފައެވެ.