ކުރިން އުޅުނު ތަނެއްގެ ގޮތަކުން ނުވަތަ ތާއީދު ކުރި މީހެއްގެ ގޮތަކުން މިހާރު ހުރި މަގާމަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި މަސައްކަތް ކުރައްވާނީ އިންސާފުވެރި ކަމާ އެކު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް މިއަދު އައްޔަން ކުރެއްވި އަހުމަދު ޝަރީފު އާދަމް ވިދާޅުވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން މިއަދު އިލެކްޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ސުވާލު ކުރީ ޝަރީފު ކުރިން ރައީސް ޔާމީނަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފައިވާތީ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށް ބުނެ އެވެ.

ޖަވާބުގައި ޝަރީފު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސެއްގެ ގޮތުން މަސައްކަތް ކުރާއިރު މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ ދާއިރާއެއް ނުވަތަ ސިޔާސީ ފިކުރެއް ނުފެންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުގެ ވަކިވަކި މެމްބަރުންގެ ބާރެއް ކޮމިޝަނަކަށް ނޯންނާނެ. ފަސް މެމްބަރުން ތިބޭއިރު މެޖޯރިޓީގެ ބާރު ކޮމިޝަނުގައި ހިނގާނީ. އެހެންވީމަ ވަކި ފަރުދަކީ ކޮމިޝަނުގައި ވަކި ބާރުވެރި މީހެއް ނޫން. އެއީ ރައީސް ކަމުގައި ވިޔަސް ނައިބު ރައީސް ކަމުގައި ވިޔަސް،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ އޭނާ އަބަދުވެސް ވަކާލާތު ކުރާނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ ނަޒާހާތްތެރި ކަމުގެ ތެރެއިން އުސޫލުތަކާ ގައިވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފުރާހު

އަދި ގާނޫނުތަކާ ގަވައިދުތަކާ ޚިލާފަށް އަމަލުކުރާ ނަމަ މީޑިއާތަކުންވެސް އަދި މުއައްސަސާތަކުންވެސް ސުވާލު އުފެއްދުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާ ގޮތާއި އަޅުގަނޑުމެންގެ މަސައްކަތުގެ އުސޫލުތަކުން ބޭރުވާ ކަމަށް ވާނަމަ އަޅުގަނޑުމެންނަށް އެލާޓް ކުރުމުގެ ބާރު މީޑިއާއަށްވެސް އަދި އެހެން ފަރާތްތަކަށްވެސް ލިބިގެންވޭ." ޝަރީފު ވިދާޅުވި އެވެ.

ޝަރީފަކީ ރައީސް ޔާމީނަށް ތާއީދު ކުރެއްވި ބޭފުޅަކަށް ވުމަކީ ނުފޫޒު ފޯރުވޭނެ ސަބަބެއް ނޫން ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމްވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އަކްރަމް ވިދާޅުވީ މީގެ ކުރިންވެސް އިލެކްޝްންސް ކޮމިޝަނުގައިވެސް ކުރިން ސިޔާސީ ކަންކަމުގައި އުޅުއްވި ބޭފުޅުން މެމްބަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެން މަގާމަކާ ހަވާލުވުމަށް ފަހު މަސައްކަތް ކުރާ ގޮތަށް. އަޅުގަނޑުމެންގެ ޕްރޮފެޝަނަލް ކަމަށް. މިސާލަކަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގަކީ އެމްޑީޕީގެ އެންމެ ފުރަތަމަ އިލެކްޝަން ކޮމިޓީގެ ޗެއާ." އަކްރަމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި މީގެ ކުރިންވެސް އެކަން ސާބިތުކޮށްފައިވާނެ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކައުންސިލު އިންތިހާބުވެސް އިންސާފުވެރި ކަމަށް ބޭރުގެ އޮބްޒާވަރުންނާއި ސިޔާސީ ޕާޓީތަކުގެ މެމްބަރުންވެސް ގަބޫލުފުޅު ކުރެއްވި ކަމަށެވެ.