ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕީއެސްޖީއާއި ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކުރިމަތިލުން މިރޭ އޮންނާނެއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އެ ދެޓީމު ވާދަކުރި މެޗު ރެއާލްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގެ މެޗާ ގުޅިގެން ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު އެންޓެރޯ ހެންރިކޭ ވަނީ ރެފްރީންނަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފައެވެ. އަދި މިރޭ އޮންނަ ދެވަނަ ލެގުގެ ކުރިން އޭނާ ޕީއެސްޖީގެ ސަޕޯޓަރުން ކިބައިން އެދިފައިވަނީ ރެއާލްއަށް ހޫނު މަރުހަބާއެއް ކިޔުމަށެވެ.

އެފަދަ ވާހަކަތަކާ ގުޅިގެން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އެގޮތަށް ދައްކާ ވާހަކަތަކުގައި ޖެހި ރެއާލްގެ ފޯކަސް ގެއްލުވައެއް ނުލެވޭނެ ކަމަށެވެ.

"މިއީ އާންމުކަމެއް. އެކަމަކު ކުޅޭނީ 11 ކުޅުންތެރިންނާއި 11 ކުޅުންތެރިން. ރެފްރީ އަދާކުރާނީ ރެފްރީގެ ޒިންމާ. ސްޓޭޑިއަމް ވަރަށް ހޫނު ވާނެ ކަން އެނގޭ. އެކަމަކު ދަނޑުމަތީގައި ދައްކާ ކުޅުމުން ރެއާލް ނަތީޖާ ނެރޭނީ. ރެއާލްއަކީ ވަރަށް ތަޖުރިބާ ހުރި ޓީމެއް،" ޒިދާން ބުންޏެވެ.

މީޑިއާތަކުން ބުނެފައިވަނީ ރެއާލްގެ މެދުތެރެއަށް ކުޅެމުންދާ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޓޯނީ ކުރޫސްއާއި ލޫކާ މޮޑްރިޗް މިރޭގެ މެޗަށް އެންމެ ފިޓް ނޫން ކަމަށެވެ. އެކަމާ ގުޅިގެން ޒިދާން ބުނީ ރެއާލްގެ ޓީމަށް އޭނާ އަރުވާނީ 100 ޕަސެންޓް ފިޓް ކުޅުންތެރިން ކަމަށެވެ.

"ހުރިހާ ކުޅުންތެރިންވެސް ކުޅެން ބޭނުންވޭ. އަހަރެން އަދާކުރާ ވަޒީފާއަކީ މެޗަށް އެންމެ އެކަށޭނެ ފުރަތަމަ 11 ނެގުން. 100 ޕަސެންޓް ކުޅުންތެރިން އަރުވާނީ. 70 ޕަސެންޓް ކުޅުންތެރިންނެއް ނުނެރޭނަން މިހާ ވަރުގަދަ މެޗަކަށް،" ޒިދާން އޭނާ މިރޭގެ މެޗަށް ނެރޭނެ ފުރަތަމަ 11އާ ގުޅިގެން ބުނެފައިވެއެވެ.

މިރޭގެ މެޗަށް ޕީއެސްޖީން ނޭމަ ނުލާ ނުކުންނައިރު، ޒިދާން ބުނީ އޭގެ ބަދަލުގައި ކުޅޭ ކުޅުންތެރިޔާވެސް ވަކި ދެރަ ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ނޭމާއަކީ އެހެން ލެވެލްއެއްގެ ކުޅުންތެރިއެއް ކަމަށާއި، އޭގެ ތަފާތު ފެންނާނެ ކަމަށްވެސް ޒިދާން ބުންޏެވެ.

ޕީއެސްޖީއާއި ރެއާލް ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:45 ގައެވެ.