މާފަންނު ގެއެއްގައި މިއަދު މެންދުރުފަހު ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

އަލިފާންގަނޑު ނިއްވާލާފައިވަނީ ހަވީރު 4:25 ހާއިރުއެވެ.

އެމްއެންޑީއެފްގެ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ރޯވީ މ. ސިތާރާގޭގެ ތިންވަނަ ފްލޯގައި ކަމަށެވެ.

"އެމްއެންޑީއެފްއަށް މި ހާދިސާގެ މައުލޫމާތު ލިބުނީ 3:25 ހާއިރު،" ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

މާފަންނު ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާ: އަލިފާން ރޯވެފައިވާ ސިތާރާގެއިން ނެރުނު މީހަކު: ވަނީ އިވިފަ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އެގޭގައި ރޯވި އަލިފާން ކޮންޓްރޯލްކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް ވަނީ ހަރަކާތްތެރިވެފައެވެ.

މައުލޫމާތު ލިބޭގޮތުގައި އެގޭގައި ދިރިއުޅެނީ ބިދޭސީންނެވެ. އަލިފާން ރޯވިއިރު އެގޭގައި ތިބި އެންމެންވެސް ވަނީ ނެރެފައެވެ.

އަލިފާން ރޯވުމުގެ ކުރިން ސިތާރާގޭގެ ތިންވަނަ ފްލޯއިން އެއްޗެއް ބާރަށް ގޮވި އަޑު މަގުމަތިން ހިނގާފައި ދިޔަ މީހަކަށް އިވުނު ކަމަށެވެ.

ސިތާރާ ގޭގެ ތިން ވަނަ ފްލޯގައި އަލިފާން ރޯވެ ދުމުގެ އަސަރުކޮށްގެން ހާލު ދެރަވި މީހަކު އެމްބިއުލާންސަށް އަރުވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އަލިފާން ރޯވެ ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހާލު ދެރަވި މީހަކު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އޭނާއަކީ ބިދޭސީއެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

އަލިފާން ރޯވި ސަރަހައްދަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ޒިޔާރަތް ކުރައްވައި، ހާލަތު ބައްލަވާލައްވައިފައެވެ.