އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބަނގުލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، ކޯޗު އޮސްކާ ބުރުޒޮންއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވައިސް ކެޕްޓަން އަކުރަމް އަބްދުލްޤަނީ (އަކޫ) ބުނެފިއެވެ.

މެޗާ ގުޅިގެން އިއްޔެ ބަންގާޅުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަކޫ ބުނީ ނިއުއާ ދެކޮޅަށް ކުޅެން އަބަހާނީއަށް ފަސޭހަ ނުވާނެ ކަމަށާއި، ނުކުންނާނީ މޮޅުވާން ކަމަށެވެ.

"ބަންގާޅަށް އައިސް މިތިބީ ވަރުގަދަ މެޗަކަށް. އެހެންނަމަވެސް ޓީމު އޮތީ ވަރަށް ތައްޔާރަށް. ކޯޗަށް ފުރިހަމަ އިތުބާރު އެބައޮތް. އަބަހާނީއަށް ރަނގަޅު ފައިޓެއް ދޭނަން. އިރާދަކުރެއްވިއްޔާ މޮޅުވާނެ،" އަކޫ ބުންޏެވެ.

މިއަދުގެ ޕްރެސްގައި ބަންގާޅުގެ ނޫސްވެރިއަކު ވަނީ ބަންގާޅު ފުޓުބޯޅައާއި ދިވެހި ފުޓުބޯޅައިގެ ލެވެލްއަށް އައި ތަފާތާ ގުޅިގެން އަކޫއާ ސުވާލުކޮށްފައެވެ.

ބަންގްލަދޭޝަކީ 1980 އަދި 1990ގެ އަހަރުތަކުގައި ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ގައުމެކެވެ. ހާއްސަކޮށް ދިވެހި ރާއްޖެއާ އަޅާބަލާއިރު އޭރު ބަންގާޅަކީ ވަރުގަދަ ގައުމެކެވެ. 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރާއްޖެ ބަލިކޮށް، ބަންގާޅު ތަށި ނެގި ނަމަވެސް އޭގެ ފަހުން ގައުމީ ލެވެލްގައި ވެސް އަދި ކްލަބު ލެވެލްގައި ވެސް ރާއްޖެއާ ފުޓުބޯޅައިގެ ގޮތުން ބަންގާޅަށް މާ ބޮޑަށް ވާދަކުރެވިފައެއް ނުވެއެވެ.

އަކޫ ފާހަގަކުރި ގޮތުގައި ރާއްޖެއާއި ބަންގާޅު ފުޓުބޯޅައަށް ބޮޑު ފަރަގެއް އައީ ރާއްޖެއިން އެކަމަށް އިތުރަށް މަސައްކަތް ކުރުމުންނެވެ.

"ދިވެހިން އިތުރަށް ކުރި މަސައްކަތް ކަމަށް ވިސްނެނީ. އެއީ ސިއްރަކީ. ބަންގާޅަށްވުރެ ދިވެހިން ބުރަކޮށް މަސައްކަތްކޮށްފި. ހުރިހާ ކުޅުންތެރިންވެސް ބުރަކޮށް މަސައްކަތްކޮށްފި،" އަކޫ ބުންޏެވެ.

އަކޫ ބުނީ މިއަދުގެ މެޗުގައިވެސް ނިއުގެ ފަރާތުން ފެންނާނެ ހަމަ އެފަދަ ބުރަ މަސައްކަތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި މެޗުގައި ވެސް އަޅުގަނޑުމެންގެ ޓީމުން މަސައްކަތް ކުރާނެ. ރެފްރީގެ ފަހު ކަށިގަނޑާ ޖެހެންދެންވެސް ހަމަ މަސައްކަތް ކުރާނެ ޓީމު ހުރިހާ ކުޅުންތެރިންވެސް،" އަކޫ ބުންޏެވެ.

މީގެ ކުރިން ގިނަ ފަހަރެއްގެ މަތިން އޭއެފްސީ ކަޕް ކުޅެފައިވާ ނިއުރޭޑިއަންޓް ވަނީ 2005 ވަނަ އަހަރު އެ މުބާރާތުގެ ސެމީ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. 2016 ވަނަ އަހަރު އެންމެފަހުން އޭއެފްސީ ކަޕް ކުޅުނު ނިއުއިން މިފަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ގޮތުގައެވެ.