މިއަދުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "އެފްއައިވީބީ ލެވަލް ވަންގެ ކޯޗިން ކޯސް" ހެދުމަށް ރާއްޖޭގެ މަޝްހޫރު ތިން އަންހެން ވޮލީބޯޅަ ކުޅުންތެރިޔަކު އަވައްޓެރި އިންޑިއާ އަށް ހިނގައްޖެ އެވެ.
ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެން މުހައްމަދު ވިދާޅުވީ، ކޯހުގައި ބައިވެރިވުމަށް އިންޑިއާގެ ޗެންނާއީ އަށް ދިޔަ ރާއްޖޭގެ މަޝްހޫރު ތިން ކުޅުންތެރިންނަކީ އައިޝަތު ނާޒިމާ އާއި ސުހާނާ އަހުމަދު އަދި މަދީހާ އަބްދުލް ރަހުމާނެވެ.

"ކޯސް ކުރިއަށްދާނީ އިންޑިއާގެ ޗެންނާއީގައި ހުންނަ އެފްއައިވީބީގެ ޑިވެލޮޕްމަންޓް ސެންޓަރުގައި. މިފުރުސަތު އަންހެން ކުދިން ނަށްވެސް ދޭން ޖެހޭނެ. މިއީ ހަމައެކަނި ފިރިހެން ކުދިންނަށް ދީގެންވާނެ ފުރުޞަތެއް ނޫން. މިފަހަރުގެ ކޯހަށް އެދިޔަ ތިން ކުޅުން ތެރިންނަކީ ވެސް ވޮލީގައި މޮޅެތިން ކުޅުންތެރިން." ހެސެން ވިދާޅުވި އެވެ.

ހުސެން ވިދާޅުވީ، މިފަހަރުގެ ފުރުޞަތު އަންހެން ކުދިނަށް ދިނުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ރާއްޖޭގައި އަންހެނުން ވޮލީއަށް ކުރާ ލޯބި އިތުރުކޮށް، އެކުޅިވަރަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
އިންޑިއާގެ ޗެންނާއީ އަށް ދިޔަ ރާއްޖޭގެ މަޝްހޫރު ތިން ކުޅުންތެރިން ވެސް ކޯސް ފުރިހަމަ ކުރުމަށް ފަހު އެބުރި މާލެއައުމަށް ހަމަޖެހި ފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.