ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ޝެެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ މުވައްޒަފުންނަށް ހުސްވި މަހުގެ ސާވިސްޗާޖުގެ ގޮތުގައި 2070 ޑޮލަރު ދިނުމަށް އެ ރިސޯޓްގެ މެނޭޖުމަންޓުން ނިންމައިފި އެވެ.

ސާވިސްޗާޖުގެ މައުލޫމާތު އާންމުކުރުމަށް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެކުވެގެން ހިންގާ މޯލްޑިވްސް ސާވިސްޗާޖު ވެބްސައިޓުގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފަކަށް 2542 ޑޮލަރު ދީފަ އެވެ.

މިދިޔަ މަހު ވެލާ ޕްރައިވެޓު އައިލެންޑުގެ މުވައްޒަފުންނަށް ސާވިސްޗާޖުގެ ގޮތުގައި ދީފައި ވަނީ 1476 ޑޮލަރެވެ. އޭގެ ކުރީ މަހު އެ ރިސޯޓުގެ މުވައްޒަފުންނަށް 2940 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވެ އެވެ.

ފެބްރުއަރީ މަހު ތިން ވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ވަން އެންޑް އޮންލީ ރީތި ރަށުންނެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސްޗާޖުގެ ގޮތުގައި 1217 ޑޮލަރު ދީފައިވެ އެވެ. އޭގެ ކުރީ މަހު ރީތި ރަށުގެ މުވައްޒަފުންނަށް ސާވިސްޗާޖުގެ ގޮތުގައި ދީފައި ވަނީ 1049 ޑޮލަރެވެ.