ސިޔާސީ ހަސަދައިގެ ތެރޭގައި ގައުމު ވިއްކާލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ރޭ ގެނެސްދިން "ރާއްޖޭގެ ހާރިޖީ ސިޔާސަތު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތުގެ ތެރެއަށް ރާއްޖެއިން ބޭރުގެ ނުފޫޒު ވައްދަން ބަޔަކު މަސައްކަތްކުރާ ކަމަށާއި އަދި މިއީ ދިވެހިން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

"ރާއްޖޭގައި ހިނގާ ދާހިލީ މައްސަލައަކާ ގުޅިގެން ބޭރުގެ ފަރާތްތަކުން ސްޓޭޓްމަންޓްތައް އެބަނެރޭ. ދިވެހިން ދިވެހިންގެ މައްސަލަތަކަށް ހައްލުހޯދަން ފުރުސަތުދޭ އިރު ބޭރު މީހުންގެ ކަންބޮޑުވުމެއް ވޮއިސްއައުޓް ކުރުމަކީ ތަފާތު ކަމެއް. އެހެންނަމަވެސް މިހާރު މިގޮވާލެވޭ ގޮވާލުންތަކަކީ ރާއްޖެއިން ބޭރު މީހުން އައިސް މީގެ ތެރެއިން އިންވޯލްވެގެން ދިވެހިރާއްޖެ މިލިޓަރީ ގޮތުން ގެންދާ ވާހަކަ،" އާޒިމާ ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން އަޅުގަނޑުމެން ހިތްހަމަނު ޖެހޭ ކޮންމެ ފަހަރަކު އަޅުގަނޑުމެން ބޭރުގެ ބައެއްގެ ދޮރުގައި ޓަކި ޖެހީމާ ދެން މި އަންނަނީ އެހާ ސިންޕަލް ކަމެއް"ތޯ އާޒިމާ ސުވާލު ކުރެއްވިއެވެ.

"ކޮން އަގެއް ހެއްޔޭ އަޅުގަނޑުމެން މި ދައްކަނީ، ކޮން އަގެއްހޭ ދައްކަން މި ތައްޔާރުވަނީ،"

އާޒިމާ ވިދާޅުވީ މިހާރު ރާއްޖެއިން ފެންނަމުން ދަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު ހިތްހަމަނުޖެހިގެން ބޭރު ބަޔަކު އޭގެތެރެއަށް ވައްދައި ރާއްޖެ ބެލެހެއްޓުން މިލިޓަރީ ބަޔަކަށް ދިނުމަށް ގޮވާލުން ކަމަށާއި ސިޔާސީ ހަސަދައިގެ ތެރޭގައިވެސް ނުކުރެވޭނެ ކަންކަން ހުންނަން ޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ހަސަދައިގެ ތެރޭގައި ގައުމު ވިއްކާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ސަރުކާރަކީ ރައްޔިތުންނަށް ޒިންމާވާން އޮތް ތަނެއް ކަމަށާއި ނަމަވެސް އިދިކޮޅުން ޒިންމާވާން ނުޖެހޭ ކަމަށެވެ. އަދި ބޭރުގައި ތިބިގެން ރާއްޖެ އަށް ލިބޭ އާމްދަނީ ހުއްޓާލުމަށް މަސައްކަތްކުރެވިދާނެ ކަމަށާއި ނަމަވެސް އެކަން ކުރަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ.