06 Mar 2018, 14:42
ގައުމުގެ މުސްތަގްބަލް އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށާއި ޒުވާނުންނަކީ އަމިއްލަ ވަންތަކަން ދިފާއުކުރާނެ ބަޔަކަށް ހަދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ޒުވާނުންނަކީ އަމިއްލަ ވަންތަކަން ދިފާއުކުރާނެ ބަޔަކަށް ހެދިއްޖެ ނަމަ ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫޙު އިތުރަށް އާލާވެ، އަދި ގައުމަށް ޚިދުމަތް ކުރާނެ، ގައުމު ދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެންދާނެ ކަމަށެވެ.
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ޓަކައި އަދި މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި ހުރިހާ ފަރާތްތަކަކުން މަސައްކަތް ކުރުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.
"ރާއްޖޭގެ ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫޙު ދިރުވުމަށާއި ދަރިވަރުންނަކީ ގައުމުދެކެ ލޯބިވާ، ގައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމުގެ މަގުޞަދުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަވައި ދެއްވުމަށް ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށް އަޅުގަނޑު ގޮވާލަމެވެ." ރައީސް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ހަމަޖެއްސީ މީގެ އެއް އަހަރު ކުރިން ތަރިކަ މަޝްރޫޢު އިފްތިތާޙުކުރި ދުވަހާ ގުޅުވައިގެންނެވެ.