ޕްރޮޑަކްޓް ކޮލިޓީއާ ބެހޭ ޑާޓާތަކެއް އޮޅުވާލި މައްސަލައެއްގައި ޖަޕާނުގެ ދަގަނޑު އުފައްދާ ބޮޑު ކުންފުންޏެއްގެ ވެރިއަކު އިސްތިއުފާ ދީފި އެވެ.

ޖަޕާނުގެ ކޯބޭ ސްޓީލްސް ނުވަތަ ކޯބެލްކޯއަކީ އެގައުމުގައި ދަގަނޑާއި ދަގަނޑުގެ ބާވަތްތަކުގެ އިތުރުން މެޝިނަރީ ފަދަ ތަކެތި އުފައްދާ، ތިންވަނަ އަށް އެންމެ ބޮޑު ކުންފުންޏެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާރާއި މަތިންދާބޯޓުގެ އިތުރުން ޓްރެއިން ފަދަ ތަކެތި އުފެއްދުމަށް ބޭނުންވާ ދަގަނޑުގެ ބާވަތްތައް ކޯބެލްކޯއިން ސަޕްލައި ކުރެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކޯބޭ ސްޓީލުން ވަނީ، އެކުންފުނިން އުފައްދާ އަލުމިނަމް، ކޮޕަރ އަދި ދަގަނޑުގެ ބާވަތްތަކުގެ ބާރާއި އެ ބާރު ހިފަހައްޓާ މުއްދަތާ ބެހޭ ޑާޓާތަކެއް އޮޅުވާލާފައިވާ ކަމަށް އިއުތިރާފުވެފަ އެވެ.

އެ މައްސަލާގައި އިންޓާނަލް ތަހުގީގެއް ހިންގައި، ތަހުގީގުގެ ރިޕޯޓު ނެރެފައިވެ އެވެ. އެއާ އެކު ކޯބޭ ސްޓީލުގެ ސީއީއޯ ހިރޮޔާ ކަވަސާކީ ވަނީ އިސްތިއުފާ ދީފަ އެވެ.

ކޯބޭ ސްޓީލުން ބުނީ ސީއީއޯގެ އިތުރުން ކުންފުނީގެ ނައިބު ރައީސް އަކިރާ ކަނޭކާ ވެސް އިސްތިއުފާ ދީފައިވާ ކަމަށެވެ.

ޑާޓާ އޮޅުވާލި މައްސަލައިގައި ޖަޕާނުގެ ސެންޓްރަލް ރެއިލްވޭ ކުންފުނިން ވަނީ، ކޯބޭ ސްޓީލުން ސަޕްލައިކުރި ދަގަނޑު ބޭނުންކޮށްގެން އުފައްދާފައިވާ ބައެއް ވެހިކަލްތަކުގެ ޓެސްޓުތަކެއް ހަދައިފަ އެވެ. ޓެސްޓުތަކުން ވަނީ ދަގަނޑު ޕްރޮޑަކްޓްތަކުގެ ކޮލިޓީ ދަށްވެފައިވާކަން ވެސް ހާމަވެފަ އެވެ.