06 Mar 2018, 13:42
ސްރީލަންކާގައި ބުދިސްޓުންނާއި މުސްލިމުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގަމުން ދާތީ، އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.
ރޭގެ ވަގުތެއްގައި އެގައުމުގެ މެދުތެރޭގައި ހުންނަ ކެންޑީ ޑިސްޓްރިކްޓުގެ ޓައުންތަކެއްގައި ބުދިސްޓުންނާއި މުސްލިމުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަކާ އެކު، ކެންޑީގައި ވަނީ ކާފިއު އިއުލާނުކޮށްފައެވެ.
ލަންކާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ އެގައުމުގައި ކުއްލި ހާލަތު އިއުލާނުކުރީ އެގައުމުގައި ހިނގަމުންދާ ދީނީ ހަމަނުޖެހުންތަކުގެ ފަހަތުގައިވާ ފަރާތްތައް ހޯދައި، ފިޔަވަޅު އެޅުމަށް ކަމަށެވެ.
ކެންޑީގައި މި ހަމަނުޖެހުންތައް ފެށީ ބުދު ދީނުގެ މީހަކު މަރާލި ހާދިސާއަކާއި، މުސްލިމުން ހިންގަމުން ގެންދާ ފިހާރަތަކެއްގައި ހުޅުޖެހި ހާދިސާތަކަކަށް ފަހުއެވެ. ސޯޝަލް މީޑިއާގައި މިއަދު ހަބަރު ފެތުރިފައިވާ ގޮތުގައި، ހަމަނުޖެހުންތަކުގައި ކެންޑީގައި މުސްލިމު ޒުވާން ފިރިހެން ކުއްޖަކަށް ބުދިސްޓުން ރޭ ވަނީ ހަމަލާދީ، އެކުއްޖާ މަރާލައިފައެވެ.
މީގެ އިތުރުން މިދިޔަ މަހުގެ ފަހުކޮޅުގައި، އެގައުމުގެ އިރުމަތީ އަމްޕާރަ ޑިސްޓްރިކްޓުގައި ބުދުދީނުގެ ބަޔަކު ވަނީ މިސްކިތަކާއި، މުސްލިމު ވިޔަފާރިވެރިން ހިންގާ ފިހާރަތަކަކަށް ހަމަލާ ދީފައެވެ. ބުދު ދީނުގެ ހަރުކަށި މީހުން ތުހުމަތު ކުރަމުން ދިޔައީ، އެދީނަށް ނިސްބަތްވާ މީހުން ގަދަކަމުން އިސްލާމްކުރުވުމަށް މުސްލިމުންގެ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަމްޕާރަގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލުކުރުމަށް އަމްޕާރަ ޓައުނުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން ދެއެވެ.
ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި، ލަންކާގައި ހިނގަމުންދާ ދީނީ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ، އެގައުމުގެ ހަރުކަށި ބުދުދީނުގެ ޖަމާއަތް ބޮޑު ބަލަ ސޭނާ (ބީބީއެސް)އެވެ.
ދެހާސް ސާދަވަނަ އަހަރުވެސް ބޮޑު ބަލަ ސޭނާއަށް ނިސްބަތްވާ ބުދުދީނުގެ ހަރުކަށި ވިސްނުމުގެ ހާމުދުރުން ވަނީ ލަންކާގެ އަލުތުގަމަ އަދި ބޭރުވަލަ ޓައުނުގައި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރުދީ، އަދި ހަމަނުޖެހުން ހިންގައިފައެވެ.
ސްރީލަންކާގެ އާބާދީގެ 74 ޕަސަންޓަކީ ބުދުދީނަށް އަޅުކަންކުރާ، ސިންހަލަ ނަސްލުގެ މީހުންނެވެ. މުސްލިމުންނަކީ އެގައުމުގެ ޖުމްލަ އާބާދީގެ 10 ޕަސަންޓެވެ.