އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް އެ ކޮމިޝަނުގެ މެމްބަރު ކަމަށް އަލަށް އައްޔަން ކުރެއްވި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އާދަމް މިއަދު ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިލެކްޝަން ސެންޓަރުގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ އެކަން އިއުލާނު ކުރައްވާފަ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަރީފު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމުގެ ހުވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކުރިފުޅުމަތީގައި ކުރައްވައިފަ އެވެ.

މަޖިލީހުން 33 މެމްބަރުންގެ ވޯޓާ އެކު ޝަރީފަށް މިއަދު ރުހުން ދީފައިވާ އިރު ނުފެންނަ ކަމަށް ވޯޓު ދެއްފައި ވަނީ އެންމެ މެމްބަރެކެވެ. ޝަރީފު އައްޔަން ކުރުމާ ދެކޮޅަށް ވޯޓުދެއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އެވެ. ޝަރީފަށް ރުހުން ދިނުމަށް މިއަދު ބޭއްވި ޖަލްސާ އަށް އިދިކޮޅަށް ނިސްބަތްވާ އެއްވެސް މެންބަރަކު ވަޑައެއް ނުގަންނަވަ އެވެ.

ޝަރީފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ޝަރީފް ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް އެ ގޮނޑި ދިފާއު ކުރެއްވުމަށް 2014 ވަނަ އަހަރު އޮތް އިންތިހާބުގައި ވާދަކުރައްވައި، ޝަރީފު ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވައިފަ އެވެ.