ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި އިއްޔެ ވިކްޓަރީ އަތުން 2-1 އިން މޮޅުވެ، ކްލަބް ވެލެންސިއާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޓާފް އެއްނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ވެލެންސިއާ އިންނެވެ. މެޗްގެ ހަ ވަނަ މިނެޓްގައި ޗެލެންސިޔާ އަށް ލީޑް ނަގައި ދިނީ އަބްދުﷲ ޝާހިދެވެ. ދެ ވަނަ ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް މުހައްމަދު ވިލްދާނެވެ.

މެޗްގައި ވިކްޓަރީން ޖެހި އެ ޓީމްގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗްގެ ދެ ވަނަ ހާފްގެ 67 ވަނަ މިނެޓުގަ އެވެ. އެލަނޑު ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ނަޒީހެވެ.

ދެ ވަނަ ބުރުގައި ޖުމްލަ ފަސް ޓީމް ވާދަކުރާ އިރު، އިއްޔެގެ މެޗުން މޮޅުވެ ވެލެންސިޔާ ވަނީ ހަތް ޕޮއިންޓާ އެކު މި ބުރުގެ ދެ ވަނަ މަޤާމަށް އަރާފަ އެވެ. އަދި މިބުރުގެ އެއް ވަނައިގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން އެކަމަކު ލަނޑުގެ ތަފާތުން ވިކްޓަރީ އެވެ. ތިން ވަނަ ލިބެނީ ފަސް ޕޮއިންޓުގައި އޮތް މާޒިޔާ އަށެވެ. އެގޮތުން މި ތިން ޓީމު ވެސް ވަނީ ސެމީ އަށް ދަތުރުކޮށްފަ އެވެ.

ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓުގައި އޮތް ނިއު ރޭޑިއަންޓެވެ. އެ އަދަދަށް ޕޮއިންޓް ހަމަކުރި ނަމަވެސް ލަނޑުގެ ތަފާތުން ވީބީ އޮތީ ފުލުގަ އެވެ. އެހެންކަމުން ސެމީގެ ފަހު ޖާގަ ލިބޭނީ މިއަދު ހަވީރު 16:35ގައި ނިއު އާއި ވީބީ ކުޅެ މޮޅުވާ ޓީމަކަށެވެ. މި މެޗު އެއްވަރުވިޔަސް ނިއު އަށް ޖާގަ ލިބޭނެ އެވެ.

ލީގު އުސޫލުން ފަސް ޓީމު ކުޅެ ސެމީ ފައިނަލަށް ދާނީ ގަދަ ހަތަރު ޓީމެވެ. އެގޮތުން މި ބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ ބައްދަލުކުރަން ޖެހޭނެ އެވެ.