ސަތޭކަ ދިހަ މިލިއަން ޑޮލަރު އިންވެސްޓުކޮށްގެން ޓްރީޓޮޕް އިންވެސްޓުމެންޓުގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކޮށް ތަރައްގީކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލް އިމާރާތްކުރީ، އެތަން އެހުރި ބިން ގަނެގެން ކަމަށް ޓްރީޓޮޕް އިންވެސްޓުމެންޓުން ބުނެފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޓްރީ ޓޮޕް އިންވެސްޓުމެންޓުގެ އެއް ޑިރެކްޓަރު ގަދަގޭ އަހުމަދު ސަލީމް ވިދާޅުވީ ހޮސްޕިޓަލު ހުރި ބިމަކީ ސަރުކާރުން އެ ކުންފުންޏަށް ދިން ބިމެއް ކަމަށް އާންމުންގެ ތެރޭގައި ވާހަކަ ދެކެވުނު ނަމަވެސް އެއީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

ޓްރީޓޮޕް އިންވެސްޓްމެންޓްސްގެ ޑިރެކްޓަރު (ގަދަގޭ) އަހްމަދު ސަލީމް -- ސަން ފޮޓޯ/ މުހައްމަދު ޝާމިން

ސަލީމް ވިދާޅުވީ ހުޅުމާލޭގެ ޕްލޭން އެކުލަވާލި އިރު ވެސް އެ ބިމަކީ ހޮސްޕިޓަލެއް އެޅުމަށް ހާއްސަކޮށްފައިވާ ބިމެއް ކަމަށެވެ.

"ޕަބްލިކްގައި އުޅޭ މިސްކޮންސެޕްޝަންއެއް، މި ބިމަކީ [ހޮސްޕިޓަލު ހުރި] އަޅުގަނޑުމެންނަށް ދިން ބިމެކޭ. އެކަމަކު މި ބިމަކީ އަޅުގަނޑުމެން ގަނެފައި އޮތް ބިމެއް. ބިން ވެސް ގަނެގެން އަޅުގަނޑުމެން ހޮސްޕިޓަލު ބިނާކޮށްފައި މިހުރީ،" ޓްރީ ޓޮޕް ހޮސްޕިޓަލުގައި ދެއްވި އިންޓަވިއުގައި ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ބިން ގަނެގެން ހޮސްޕިޓަލު ބިނާކުރީ ދެމިގެންދާ ގޮތަށް ހިދުމަތް ދިނުމަށް ކަމަށެވެ.

"ބިން ހިލޭ ލިބުނު ނަމަ ނޫނީ ލީޒް ކުރި ނަމަ އަބަދު ވެސް އަޅުގަނޑުމެން ހިތުގައި އޮންނާނެ ކޮންމެސް ކަހަލަ ނުތަނަވަސް ކަމެއް. އެހެންވީމާ އަޅުގަނޑުމެން ވަރަށް އުފާކުރަން ބިން ގަންނަން ލިބުނީމާ. މި ބިމަކީ އެޗުޑީސީ އިން ވަރަށް ކުރިން ވެސް ހަމަ ހޮސްޕިޓަލަކަށް ޑެސިގްނޭޓް [ހާއްސަ] ކޮށްފައި އޮތް ބިމެއް،"

ޓްރީޓޮޕް ހޮސްޕިޓަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަލީމް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލް އެންމެ ފުރަތަމަ ފަށައިގަންނަން ވިސްނިއިރު ވެސް، ހޮސްޕިޓަލުން އެންމެ ފުރަތަމަ ފައިދާ ނުލިބޭނެކަން ޑިރެކްޓަރުންގެ ވިސްނުމުގައި ބެހެއްޓެވި ކަމަށެވެ.

"މި އަހަރު އަޅުގަނޑުމެންގެ ފޯކާސްޓުގައި ވެސް އޮންނާނީ ލޮސް [ގެއްލުމަކަށް] އަކަށް،"

ދެމިގެންދާ ގޮތަށް ޚިދުމަތެއް ދިނުމަކީ ޓްރީޓޮޕު ވެސް ވިސްނުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ޓްރީ ޓޮޕުގައި މިހާރު ވެސް 32 ގައުމެއްގެ ޑޮކްޓަރުން ހިދުމަތް ދެއްވަ އެވެ. ހޮސްޕިޓަލު ހުޅުވި އެއް މަގުސަދަކީ ދިވެހިން ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިއުން މަދުކުރުން ކަމަށާއި ހޮސްޕިޓަލުގެ ހިދުމަތް ދޭންފެށިތާ ހައެެއްކަ ދުވަސްތެރޭ އެކަން ހާސިލުވާތަން ފެންނަ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ޓްރީޓޮޕް އިންވެސްޓުމެންޓަކީ ކާސާ ހޯލްޑިންގްސް އާއި ޗަމްޕާ ބްރަދާސް އަދި ކްރައުން ކޮމްޕެނީ އާއި ކުރެއްދޫ ހޯލްޑިންގްސް ހިއްސާވާ ކުންފުންޏެކެވެ. ޓްރީ ޓޮޕް އިންވެސްޓްމަންޓުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކީ ލާސް ޕީޓާ އެވެ. މެނޭޖިންގް ޑިރެކްޓަރަކީ އަހްމަދު ނަޒީރު (ކްރައުން ނަޒީރު) އެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ދެން ހިމެނެނީ ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާގެ އިތުރުން ގަދަގޭ އަހުމަދު ސަލީމާއި އޭނާގެ ދަރިކަލުން އާދަމް ސަލީމާއި އަބްދުލް ޣަނީ އާއި އިބްރާހިމް ނޫރައްދީނާއި ޑރ. އިބްރާހިމް ވިޝާނެވެ.