06 Mar 2018, 12:38
ސައޮ ޕައުލޯ (މާޗް 6): ބްރެޒިލް އިން ސްވިޒަލޭންޑަށް ދަތުރު ކުރަން އޮތް ކާގޯ އުފުލާ މަތިންދާބޯޓަކުން ފަސް މިލިއަން ޑޮލަރު ވަގަށް ނަގައިފި ކަމަށް ބްރެޒިލްގެ ފުލުހުން ބުނެފި އެވެ.
ބްރެޒިލްގެ އެންމެ ބޮޑު ފްރެއިޓް ޓާމިނަލް އޮންނަ ވިރާކޯޕޯސް އިންޓަނޭޝަނަލް އެއާޕޯޓުގައި އެހާދިސާ ހިނގީ މިދިޔަ އާދިއްތަ ދުވަހުގައި އެވެ. އަދި ވައްކަން ކުރި މީހުން ޓާމިނަލަށް ވަދެފައި ވަނީ ރަންވޭގެ ސެކިއުރިޓީ ބަލަހައްޓާ ކުންފުނީގެ ލޯގޯ ޖަހާފައިވާ ޕިކަޕަކުން ކަމަށް ފުލުހުން ބުންޏެވެ.
ބްރެޒިލްގެ ނޫސްތަކުގައިވާ ގޮތުން އެވައްކަމުގައި ބައިވެރިވި ފަސް މީހުން ވަނީ ރަންވޭގައި ތިބި ސެކިއުރިޓީ އޭޖެންޓުންނަށް އިންޒާރު ދީފައި އެވެ. އަދި އެމީހުން ވަނީ ހަ މިނިޓު ތެރޭ ފިލާފައި ކަމަށާއި އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ނޫސްތަކުގައިވެ އެވެ.
އެވައްކަމާ ގުޅިގެން ބްރެޒިލްއިން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ. (އޭއެފްޕީ)