06 Mar 2018, 11:42
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ފެނަކައިގެ މެނެޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
ޝަރީފު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ 33 މެމްބަރުންގެ ވޯޓާ އެކު އެވެ. ޝަރީފު އައްޔަން ކުރުމާ ދެކޮޅަށް ވޯޓުދެއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އެވެ. މިއަދުގެ މަޖިލީހަށް ވެސް އިދިކޮޅު މެމްބަރުން ހާޒިރުވެފައެއް ނުވެ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝަރީފުގެ ނަން ދިރާސާ ކުރެއްވުމަށް ފަހު ދީފައި ވަނީ 77.3 މާކްސް އެވެ. ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ މާކްސް ދީފައި ވަނީ ކޮމިޓީގެ މެމްބަރުން ޝަރީފާ އިންޓަވިއު ކުރުމަށް ފަހު ކަމަށެވެ. އިލެކްޝަނަށް އައްޔަން ކުރުމަށް އެންމެ މަދުވެގެން ބޭނުން ވާނީ 75 ޕަސެންޓް މާކްސް އެވެ.
ޝަރީފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ޝަރީފް ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް އެ ގޮނޑި ދިފާއު ކުރެއްވުމަށް 2014 ވަނަ އަހަރު އޮތް އިންތިހާބުގައި ވާދަކުރައްވައި، ޝަރީފު ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވައިފަ އެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވަލާފައި މިވަނީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވުމާ ގުޅިގެންންނެވެ.
ސުލައިމާނުގެ އިތުރުން އިސީގެ ސެކެޓްރީ ޖެނަރަލްގެ މަގާމުގައި ހުންނެވި އަހުމަދު އަލީ ވެސް ވަނީ މިދިޔަ މަހުގެ ފަހުކޮޅު އިސްތިއުފާ ދެއްވައިފަ އެވެ.